ސައުދީ އަރަބިއްޔާ އިން އެމެރިކާގައި ކުރަން ބޭނުންވާ އިންވެސްޓްމަންޓްތައް ވެސް އަދި އެމެރިކާގެ ވިޔަފާރިވެރިން ސައުދީ އަރަބިއްޔާގައި ކުރަން ބޭނުންވާ އިންވެސްޓްމަންޓްތައް ވެސް ހުއްޓި ބޮޑު މާލީ ގެއްލުމެއް އުފުލަން ޖެހޭ ފަދަ ހާލަތެއް ކުރިމަތިވާން ބޭނުން ނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނީ އެމެރިކާގައި ދިރިއުޅުނު ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ ތަޙްޤީޤާއި ބެހޭ ގޮތުން ވައިޓް ހައުސްގައި އިއްޔެ ނޫސްވެރިންނާއި ވާހަކަދައްކަމުންނެވެ.

ޓްރަމްޕް ބުނީ އެމެރިކާގެ ޖާސޫސީ އިދާރާގެ ވަރަށް އިސް އޮފިޝަލުންތަކެއް މިހާރު ތުރުކީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެއޮފިޝަލުން މިއަދު ހެނދުނުގެ ވަގުތެއްގައި އެމެރިކާ އަށް އައިސް ޚަޝޯގީގެ މަރުގެ ތަޙްޤީޤާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު އޭނާ އާއި ހިއްސާކުރާނެ ކަމަށެވެ.

"އަޅުގަނޑަށް މާދަމާ (މިއަދު) ވަރަށް ގިނަ މައުލޫމާތު ލިބިގެން ދާނެ މައްސަލަ އާއި ގުޅޭ. އަޅުގަނޑުމެންނަށް ލިބިފައި ހުރި މައުލޫމާތުތަކަކީ ކޮބައިތޯ ބެލުމަށް ފަހު ދެން ކަންތައް ކުރާނެ ގޮތެއް ސާފުވާނެ" ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް ބުނީ ޚަޝޯގީގެ މަރުގެ ތަޙްޤީޤު މަސް ދުވަހަށް ދެމިގެން ދާން ޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެމައްސަލައިގެ ތަޙްޤީޤު މިހާރު އޮންނަން ވާނީ ނިމުމަކާއި ގާތުގައި ކަމަށެވެ.

ސައުދީގެ އިންވެސްޓްމަންޓްތައް ގެއްލެން އެމެރިކާ އިން ބޭނުން ނުވާ ކަމަށް ޓްރަމްޕް ބުނިއިރު އެމެރިކާގެ ފިނޭންސް މިނިސްޓަރ ސްޓީވަން މްޗިން މިހާރު ހުންނެވީ ސައުދީ އަރަބިއްޔާގެ ރިޔާދްގައެވެ. އޭނާ އިއްޔެ ވަނީ ވަލީއަހްދު މުހައްމަދު އާއި ބައްދަލު ކުރައްވާ ދެގައުމުގެ ގުޅުން ބަދަހި ކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ޚަޝޯގީގެ މަރުގެ މައްސަލައިގައި ޓްރަމްޕް ހަރުކަށިކަމާއި އެކު ސައުދީ އަރަބިއްޔާ އާއި ކުރިމަތިނުލާތީ ހުޅަނގުގެ ފާޑުކިޔުން ވަނީ ޓްރަމްޕަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފަޤީރު ކަލޯ!

    އެމެރިކާ ކިތަންމެ ބޮޑު ގޯހެއް ހެދިއަސް އަދި އާލް ސުޢޫދުގެ ސަރުކާރު ކިތަންމެ ބޮޑު ގޯހެއް ހެދިއަސް، އެ ދެމެދު މީގެ 100 އަހަރު ކުރިން ހެދިފައިވާ އެގްރީމަންޓް ދެމި އޮތްހައި ދުވަހަކު، އޭގެ އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ގެންލުން ލިބޭވަރުގެ ފިޔަވަޅެއް ނާޅާނެ! އާލް ސުޢޫދުގެ ވެރިކަން ބަދަކުވެއްޖެނަމަ އެމެރިކާ ސައުދީގެ މައްޗަށް އަރައިގަންނާނެ!