ކަނޑު ހުރަސްކޮށް މިހާތަނަށް ދުނިޔޭގައި އަޅާފައިވާ އެންމެ ދިގު ބުރިޖު ޗައިނާގެ ރައީސް ޒީ ޖިންޕިންގް މިއަދު ހުޅުވައިދެއްވައިފިއެވެ. މިބުރިޖު އަޅާފައި ވަނީ ހޮންކޮންގް އާއި މަކާއޯ އާއި ދެމެދުއެވެ.

34 މޭލު ދިގު ހޮންކޮންގް ޒުހާއީ މަކާއޯ ބުރިޖަކީ ޕާލް ރިވާ ޑެލްޓާ ޓެކްނޮލޮޖީގެ ހަބަކަށް ބަދަލުކޮށް މުޅި ސަރަހައްދުގެ އިޤުތިޞާދީ ކުރިއެރުން އެތައް ގުނައެއް މައްޗަށް ޖައްސާލާނެ ބުރިޖަކަށް ވާނެއެވެ.

މިބުރިޖު އެޅުމަށް ބޭނުންވާ ޚަރަދުތައް ކޮށްފައި ވަނީ ޗައިނާގެ މައި ސަރުކާރުގެ އިތުރުން ހޮންކޮންގް އާއި މަކާއޯ ވެސް ގުޅިގެންނެވެ. ބުރިޖާއި އެކު 69 މިލިއަން ރައްޔިތުންނާއި، އެތައް މިލިއަން ފަތުރުވެރިންގެ ދަތުރުތައް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިބުރިޖާއި އެކު 11 ސިޓީއެއް ގުޅާލެވިގެން ދާނެއެވެ.

މިބުރިޖު ހުޅުވަން ފުރަތަމަ ތާވަލް ކުރީ 2016 ވަނަ އަހަރު އެވެ. ނަމަވެސް ތަފާތު ސަބަބުތައް ދިމާވެގެން މަސައްކަތް ދިގުލައިގެން ގޮސް ބުރިޖު ހުޅުވިފައި މިވަނީ އޭގެ ދެއަހަރު ފަހުންނެވެ. ބުރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލާނީ މާދަމާއެވެ.

މަކާއޯ އާއި ހޮންކޮންގް ބުރިޖަކުން ގުޅާލި ނަމަވެސް ހޮންކޮންގް އަށް އެތެރެވުމަށް ޕްރައިވެޓް ކާރުތައް ދުއްވާ މީހުންނަށް އުނދަގޫ ވާނެއެވެ. ޕްރައިވެޓް ކާރުތަކުގައި ދަތުރުކުރާ މީހުން ޖެހޭނީ ހޮންކޮންގް ޕޯޓް ސަރަހައްދުގައި ކާރު ޕާކް ކުރުމަށް ފަހު ހޮންކޮންގެ ޓެކްސީއެއްގައި ނުވަތަ ބަހެއްގައި ހޮންކޮންގް އަށް އެތެރެވާށެވެ. އެމީހުންނަށް އިމިގްރޭޝަންގެ ހުއްދަ ވެސް ބޭނުން ވާނެއެވެ. ނަމަވެސް ވިޔަފާރިވެރިންނަށް ދަތިކަމެއް ނެތި ހާއްސަ ހުއްދައެއްގެ ދަށުން ހޮންކޮންގް އަށް އެތެރެވެވޭނެއެވެ.

ހޮންކޮންގް އަކީ ވިޔަަފާރީގެ މައި ސިޓީއެއްގެ އިތުރުން މިހާރު ފަތުރުވެރިންގެ މެދުގައި ވެސް ވަރަށް މަގުބޫލް ސިޓީއެކެވެ. 2016 ވަނަ އަހަރު ވެސް ހޮންކޮންގް އަށް 56.7 މިލިއަން ފަތުރުވެރިން ޒިއާރަތް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހްމަދު

    ތިޔަބުރިޖުއަޅަން ފަންސާސްހާސް ޑޮލަރު ހަރަދުވިތަ؟

  2. ފަޓުލޫނު

    ގައުމެއްގެ އެންމެ ރަށަކަށް އަހަރަކު 57 މިލިއަން ފަރުރުވެރިން، އެކަމަކު ފަތުރުވެރިކަމުން ކައިބޮއެ އުޅޭ ރާއްޖެއަށް އަހަރަކު ކިރިއާ މިލިއަނެއް ހަމަވަނީ.

  3. މުހައްމަދު

    މިލިއަނެއްވެސް ހަރަދު ނުވޭ ތިޔަ ބުރި އަޅަން...