ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓްގެ ތެރޭގައި މަރާލި ނޫސްވެރިޔާ ޖަމާލް ޚަޝޯގީ ކޮންސިއުލޭޓްގެ އެތެރެއަށް ވަން ފަހުން އެންމެ ފަހު ކަމަކަށް ކޮށްފައިވާ ކަމަކީ ސްކައިޕް މެދުވެރިކޮށް ވަލީއަހްދުގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ސައުދު އަލް-ގަހްތާނީ އާއި ވާހަކަދެއްކުން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ގަހްތާނީ އަކީ ވަލީއަހްދު މުހައްމަދުގެ މީސް މީޑިއާ އެކައުންޓްތައް އޮޕަރޭޓް ކުރާ މީހާއެވެ. އަދި ފަހަކަށް އައިސް ސައުދީ އަރަބިއްޔާ އިން ނިންމި އެންމެ ބޮޑެތި ނިންމުންތައް ނިންމުގައި ވަލީއަހްދަށް ލަފާއެރުވުމުގައި އެންމެ އިސްކޮށް ހުރި މީހަކީ ވެސް ގަހްތާނީ އެވެ.

ޚަޝޯގީގެ މަރާއި ގުޅިގެން ސައުދީ އަރަބިއްޔާ އިން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ގަހްތާނީ ވެސް ހިމެނެއެވެ.

ޚަޝޯގީގެ މަރާއި ގުޅިގެން ތުރުކީ އިން ކުރިއަށް ގެންދާ ތަޙްޤީޤުގެ މައުލޫމާތު އެނގޭ އޮފިޝަލަކު މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ޚަޝޯގީ ކޮންސިއުލޭޓަށް ވަނުމުން ގަހްތާނީ ސްކައިޕް މެދުވެރިކޮށް އޭނާ އަށް އިންޒާރު ދިން ކަމަށެވެ.

އަދި ގަހްތާނީ މަރާލަން ކޮންސިއުލޭޓަށް ގޮސް ތިބި މީހުންނާއި ވެސް ގަހްތާނީ ސްކައިޕް މެދުވެރިކޮށް ވާހަކަދެއްކިއެވެ. އެދެއްކި ވާހަކައިގެ ތެރޭގައި "ކުއްތާގެ ބޯ ކަނޑާލައިގެން އަހަރެންނާއި ހަމައަށް ގެންނަން ޖެހޭނެ" ކަމަށް ގަހްތާނީ ބުނި ކަމަށް މައުލޫމާތު ދިން އޮފިޝަލް ބުންޏެވެ.

ޚަޝޯގީގެ މަރުގައި ގަހްތާނީގެ ސީދާ ބައިވެރިވުން އޮތް ކަމަށް ތަޙްޤީޤަށް ކަށަވަރު ކުރެވިއްޖެނަމަ ވަލީއަހްދު މުހައްމަދުގެ މައްޗަށް ކުރާ ތުހުމަތުތައް އަނެއްކާވެސް އިތުރުވާނެއެވެ. އެއީ ގަހްތާނީ އަކީ މުހައްމަދުގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ވާތީ، މުހައްމަދަށް އެނގިވަޑައިނުގެން އެވަރުގެ ކަމެއް ގަހްތާނީ ހިނގާފައި ނުވާނެ ކަމަށް ހުޅަނގުގެ މީޑިއާ އިން ގަބޫލު ކުރާނެތީއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޚަޝޯގީގެ މަރުގެ ފަހަތުގައި ގަހްތާނީ ހުރި ނަމަވެސް އޭނާ އަށް އަދަބެއް ލިބުމަކީ ދުރު ކަމެކެވެ. އެއީ ވަލީއަހްދާއި އޭނާ އާއި ދެމެދު އޮތް ހާއްސަ ގުޅުމުގެ ސަބަބުންނެވެ.

ޚަޝޯގީގެ މަރާއި ގުޅޭ ގިނަ ތަފްސީލްތަކެއް މިއަދު ތުރުކީގެ ރައީސް ޠައްޔިބް އުރުދޮގާން ހާމަކުރައްވާނެއެވެ. ޚަޝޯގީގެ މަރާއި ގުޅޭ މައުލޫމާތު އުރުދޮގާން ހާމަކުރައްވާނެ ކަމަށް ބެލެވެނީ މިއަދު މެންދުރުފަހު ރާއްޖޭ ގަޑިން 13:45 ގައި އޮންނަ ވެރިކަންކުރާ ޕާޓީގެ ބައްދަލުވުމެއްގައެވެ.

ޚަޝޯގީ މަރާލާފައި ވަނީ މި އޮކްޓޯބަރ މަހުގެ 02 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޢަލީ

  ބަލަ އޭނާ ގެންގުޅުނު ދެފޯން ގޯލްފްރެންޑް އަތަށްދީފައޭވަނީކިޔާ ދެން އޭނާ ސްކައިޕް ވިއަސް އެހެން ކޯލެއްކުރީ ކިހިނެތް

  • ދޮންބެ

   އެހެން މީހެއްގެ ފޯނަށް ގުޅައިގެން އޭނަޔާ ވާހަކަ ނުދެއްކޭނެބާ؟

  • ޒައީމާ

   މަގޭވެސް ހިތައް އަރަނީ ތިހެން

 2. ފާތުން

  މީމިކިޔާ އެންމެ މާތް މުސްލިމު ބިމުގައި އުޅޭ މުސްލިމުންގެ ހާލަތު...

 3. އެއްގަމު ކިޔޮޅު

  ކީކޭ ދެންބުނާނީ ކުށްތާގެ ބަޯކަޑާށޭ ބުނީމަ އެކެޑީ އިންސާނެއްގެބޯ ޗުޗު ޗުޗު