ވޮޝިންޓަން ޕޯސްޓްއަށް ލިޔަމުން ދިޔަ ސައުދީ އަރަބިއްޔާއަށް އުފަން ނޫސްވެރިޔާ ޖަމާލް އަހުމަދު ޚާޝޮގީ މަރާލި ދުވަހު ކަން ހިނގި ގޮތުގެ ޓައިމްލައިންއެއް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ހާމަކުރައްވައިފިއެވެ.

މިހާރު ތުރުކީގެ ޤާނޫން ހަދާ މަޖިލީހުގައި މި މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އުރުދުޣާން ވަނީ އެދުވަހު ކަން ހިނގި ގޮތް ތަފްސީލީ ގޮތެއްގައި ކިޔާދެއްވާފައެވެ. މިގޮތުން ވިދާޅުވީ ފުރަތަމަ ފަހަރަށް ނޫސްވެރިޔާ ސައުދީ ކޮންސިއުލޭޓަށް ދިޔައީ 28 ސެޕްޓެންބަރު 2018 ވަނަ ދުވަހު 11:30 ގައި ކަމަށެވެ. އަދި އެތަނަށް ގޮސްފައިވަނީ އޭނާ ސައުދީގައި ކުރި ކައިވެނި ރޫޅިފައިވާތީ، ވަރީގެ ސެޓްފިކެޓް ހޯދަން ކަމަށެވެ.

މީގެ ފަހުން އޮކްޓޯބަރ މަހު 1 ވަނަ ދުވަހު 16:30ގައި ސައުދީގެ ރިޔާދް އިން ތުރުކީގެ އިސްތަންބުލްއަށް 3 މީހަކު އައި ކަމަށެވެ. އަދި މިމީހުން މަޑުކުރި ހޮޓަލަށް ދިއުމަށްފަހު ސީދާ ސައުދީ ކޮންސިއުލޭޓަށް ދިޔަ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

އަދި ހަމަ އެދުވަހު ސައުދީ ކޮންސިއުލޭޓްގެ އޮފިޝަލުންތަކެއް އިސްތާންބުލް ކައިރީ އޮންނަ ޖަންގައްޔެއް ކަމަށްވާ ބެލްގްރޭޑް ވުޑްސްއަށް ދިޔަ ކަމަށާއި އަދި އަނެއް ދުވަހު އިތުރު ތިން މީހުންގެ ޓީމެއް ތުރުކީ އަށް އައި ކަމަށް އުރުދުޣާން ވިދާޅުވިއެވެ. އަދި ހަމަ އެދުވަހު 9 މީހުންގެ މައްޗަށް އެކުލެވޭ ވަރުގަދަ ޓީމެއް ޕްރައިވެޓް ޖެޓެއްގައި އިސްތަންބުލް އަށް އައި ކަމަށާއި މި ޖެޓްގައި މިލިޓަރީ އިސް މަޤާމްތަކުގެ މީހުން އައި ކަމަށްވެސް ރައީސް އުރުދުޣާން ވިދާޅުވިއެވެ.

ރައީސް އުރުދުޣާން އިތުރަށް ވިދާޅުވީ، ހަމަ އެދުވަހު ހެނދުނު 9 އަކާއި 11 އާ ދޭތެރޭގައި ސައުދީ ކޮންސިއުލޭޓަށް މި 15 މީހުން ޖަމާވި ކަމަށާއި އަދި ކޮންސިއުލޭޓްގެ ސީސީޓީވީ ކެމެރާ ފުޓޭޖުގެ ހާޑް ޑިސްކް ނަގާފައިވާ ކަމަށެވެ. އަދި އެދުވަހު 11:50 ހާއިރު ނޫސްވެރިޔާ އަށް ގުޅާ އެޕޮއިންޓްމެންޓެއް ލިބިފައިވާ ކަމަށް ބުނި ކަމަށާއި ނޫސްވެރިޔާ ކޮންސިއުލޭޓަށް އައިސްފައިވަނީ ފައިމަގު ގައި 14:08 ހާއިރު ކަމަށް އުރުދުޣާން ވިދާޅުވިއެވެ. އަދި އެއަށްފަހުން އެތަނުން އޭނާ ނިކުމެފައެއް ނުވެއެވެ.

ނޫސްވެރިޔާ ގެއްލިފައިވާކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 17:50 ގައި ކަމަށާއި ރިޕޯޓް ކުރީ ނޫސްވެރިޔާ އިންނަން އުޅުނު ތުރުކީގެ އަންހެންމީހާ ކަަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިމައްސަލައިގެ އިތުރު ތަފްސީލް އުރުދުޣާން ދަނީ މިހާރު ކުރިޔަށްދަ މަޖިލީހުގައި ހާމަ ކުރަމުންނެވެ.