ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓުގެ ތެރޭގައި މަރާލާފައިވާ، ސައުދީގެ ނޫސްވެރިޔާ ޖަމާލު ހާޝޮގީގެ ހަށިގަނޑުގެ ބައިތައް ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

ސައުދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ ލިޔުންތައް ޝާއިރުކުރަމުންދިޔަ ހާޝޮގީ ވީނުވީއެއް ނޭނގި ގެއްލިފައިވަނީ މި މަހުގެ ދެވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓުގެ ތެރެއަށް ވަތް ފަހުންނެވެ. ސައުދީން ފުރަތަމަ ބުނަމުންދިޔައީ ކޮންސިއުލޭޓަށް ވަނުމަށްފަހު ހާޝޮގީ އިރުކޮޅެއްފަހުން އެތަނުން ނިކުމެގެންދިޔައީ ކަމަށެވެ. ނަމަވެސް މިދިޔަ ހަފްތާގެ ތެރޭގައި ސައުދީން ވަނީ ފުރަތަމަ ފަހަރަށް ހާޝޮގީ މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. ސައުދީން ބުނާގޮތުގައި ހާޝޮގީ މަރުވީ ކޮންސިއުލޭޓުގެ ތެރޭގައި ހިނގި ތަޅާފޮޅުމެއްގެ ތެރެއިންނެވެ.

ހާޝޮގީގެ ހަށިގަނޑު ވީތަނެއް ސައުދީން މިހާތަނަށް ހާމަކޮށްފައި ނުވާއިރު، ކަމާ ގުޅުންހުރި ފަރާތްތަކާއި ހަވާލާދީ "ސްކައި ނިއުސް" ގައި ބުނެފައިވާ ގޮތުން ހާޝޮގީގެ ހަށިގަނޑުގެ ބައިތަކެއް ވަނީ ސައުދީގެ ކޮންސިލް ޖެނެރަލްގެ ގޭގައި ހަދާފައިވާ ބަގީޗާއެއްގެ ތެރެއިން ފެނިފައެވެ.

އުމުރުން 59 އަހަރުގެ ހާޝޮގީގެ ހަށިގަނޑު އޮތީ ބުރިކޮށްފައި ކަމަށާއި، މޫނު ވެސް އޮތީ ކާކުކަން ނޭނގޭ ވަރު ކޮށްފައި ކަމަށް "ސްކައި ނިއުސް" އިން ރިޕޯޓުކޮށްފައިވެއެވެ.

ހާޝޮގީގެ ހަށިގަނޑުގެ ބައިތައް ފެނިފައިވާ ކަމަށް މީޑިޔާތަކުން ރިޕޯޓުކުރަން ފަށާފައިމިވަނީ، ނޫސްވެރިޔާގެ ހަށިގަނޑު ވީތަނެއް ހާމަކުރުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން މިއަދު ސައުދީ އަށް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން އުރުދުޣާން ވިދާޅުވީ ނޫސްވެރިޔާ މަރާލާފައިވަނީ ދުރާލާ ރާވައިގެން ކަމަށާއި އެގޮތުން ނޫސްވެރިޔާ ކޮންސިއުލޭޓަށް ވަނުމުގެ ކުރިން 15 މީހުންގެ ގްރޫޕެއް ކޮންސިއުލޭޓު ތެރެއަށް ވަދެފައިވާކަން ހާމަވެފައިވާ ކަމަށެވެ. ނަމަވެސް އޭނާ މަރާލާފައިވާ ގޮތުގެ ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.

ނޫސްވެރިޔާގެ މަރާއި ގުޅިގެން 18 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ސައުދީން ބުނާއިރު، އުރުދުޣާން ވަނީ އެމީހުންނާއި ބެހޭ މައްސަލަތައް ތަހުގީގު ކުރަންޖެހޭ ތުރުކީގައި ކަމަށް ވިދާޅުވެފައެވެ.

"މިކަން ހިނގާފައިވަނީ ތުރުކީގަ. އެހެންވީމަ އެ 18 މީހުންނާއި މެދު ގޮތެއް ނިންމަންވެސް ޖެހޭނީ ތުރުކީގައި" އުރުދުޣާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފާތުން

    ސާބަހޭ އުރުދުއާން...

  2. އަލީ

    ކޮބައިތަ ޔޫރަޕިއަން ޔޫނިއަން އާއި ދެކޮޅަށް ކަރަޕްޝަންގެ ވާހަކަ ލިޔުނު އަންހެނާ އޭނާ މަރާލީ ރޭޕް ކުރުމަށް ފަހު އެވާހަކަ މީޑިޔާ ތަކުގެ ފަލަ ސުރުހީގައި ނޫޅެނީ ކީއްވެބާ މިވާހަކަ ލިޔާ ގޮތަށް އެވާހަކަ ވެސް ގެނެސްދީބަަލަ އެވާހަކަ އޮތްބާލީތޯ

  3. ޕްރައިވެޓް

    އާ! އުރުދުޣާން މަރާލައިފައި ތިވަނީ އަންހެން ނޫސްވރިޔާގެ ކަންތަށް އޮށްބާލަން ޔަހޫދީންގެ ރޭ ވުމުން ކުރިކަމަކަށް. މިހާރު އެވާހަކަ ނުދައްކައެއްނު މި މީހުންނެއް.