އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓްގެ ތެރޭގައި ޖަމާލް ޚަޝޯގީ މަރާލުމުގެ މިނެޓްކޮޅެއް ކުރިން ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން ވަނި ޚަޝޯގީ އާއި ފޯނުން ވާހަކަދައްކާފައި ކަމަށް ތުރުކީގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ތުރުކީގެ ވެބްސައިޓެއް ކަމަށްވާ "ޔެނީ ސަފަކް" ގައި ބުނެފައި ވަނީ ޚަޝޯގީ ކޮންސިއުލޭޓަށް ވަން ފަހުން މުހައްމަދު ޚަޝޯގީ އާއި ފޯނުން ވާހަކަދެކެވި ކަމަށެވެ. އެފޯންކޯލްގައި މުހައްމަދު ވަނީ ޚަޝޯގީ ސައުދީ އަރަބިއްޔާ އަށް އައުމަށް ދައުވަތު ދެއްވާފައެވެ. އެދައުވަތު ގަބޫލު ކުރުން އެދި ޚަޝޯގީ އަށް މުހައްމަދު ހުށަހެޅުންތަކެއް ހުށަހެޅި ކަމަށް ތުރުކީގެ ނޫހުގައި ބުނެފައި ވެއެވެ.

ނަމަވެސް ޚަޝޯގީ ވަނީ އޭނާ ސައުދީ އަރަބިއްޔާ އަށް ހިނގައްޖެ ނަމަ ހައްޔަރުކޮށް މަރާލަފާނެ ކަމުގެ ބިރު އޮތުމުން ސައުދީ އަރަބިއްޔާ އަށް ދެވެން ނެތް ކަމަށް މުހައްމަދު އަރިހު ދަންނަވާފައި ކަމަށް އެނޫހުގައި ވެއެވެ.

ޚަޝޯގީ މުހައްމަދު އާއި ވާހަކަދެއްކި ފަހުން ސްކައިޕް މެދުވެރިކޮށް ވަލީއަހްދުގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ސައުދު އަލް-ގަހްތާނީ އާއި ވާހަކަދެއްކި ކަމަށް ވެސް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ގަހްތާނީ އަކީ ވަލީއަހްދު މުހައްމަދުގެ މީސް މީޑިއާ އެކައުންޓްތައް އޮޕަރޭޓް ކުރާ މީހާއެވެ. އަދި ފަހަކަށް އައިސް ސައުދީ އަރަބިއްޔާ އިން ނިންމި އެންމެ ބޮޑެތި ނިންމުންތައް ނިންމުގައި ވަލީއަހްދަށް ލަފާއެރުވުމުގައި އެންމެ އިސްކޮށް ހުރި މީހަކީ ވެސް ގަހްތާނީ އެވެ.

ޚަޝޯގީގެ މަރާއި ގުޅިގެން ސައުދީ އަރަބިއްޔާ އިން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ގަހްތާނީ ވެސް ހިމެނެއެވެ.

ޚަޝޯގީ މަރާލާފައި ވަނީ ކުރިން ރާވައިގެން ކަމަށް ތުރުކީ އިން މިއަދު ވަނީ ބުނެފައެވެ.