ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގައި ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާންގެ ބައިވެރިވުން އޮވެދާނެ ކަމަށް ފުރަތަމަ ފަހަރަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނީ އެމެރިކާގެ "ވޯލް ސްޓްރީޓް ޖާނަލް" އަށް ދިން އިންޓަވިއުއެއްގައެވެ. ބާރުގަދަ ވަލީއަހްދުގެ ބައިވެރިވުމެއް ޚަޝޯގީގެ މަރުގައި އޮވެދާނެތޯ ނޫސްވެރިޔާ ސުވާލު ކުރުމުން ޓްރަމްޕް ބުނީ ވަލީއަހްދުގެ ބައިވެރިވުން އެކަމުގައި އޮވެދާނެ ކަމަށެވެ.

"ރަނގަޅު ވާހަކައެއް. ވަލީއަހްދު މުހައްމަދުގެ ބާރު ވަރަށް ގަދަ. އޭނާ ވެސް މިކަން ކޮށްފާނެ. ނުވަތަ އެހެން މީހަކު ވެސް މިކަން ކޮށްފާނެ. ކިހިނެއް އެނގެނީ؟ ކޮންމެ ފަދަ މީހަކު ވެސް މިކަމުގައި ބައިވެރިވެދާނެ." ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް ކުރިން ބުނެފައި ވަނީ ވަލީއަހްދު މުހައްމަދުގެ ބައިވެރިވުން ޚަޝޯގީގެ މަރުގައި އޮންނާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ނަމަވެސް މިއަދު އަނެއްކާ ޓްރަމްޕްގެ ވާހަކަ މިބަދަލުވީ ކީއްވެ ކަމެއް ނޭނގެއެވެ.

ޚަޝޯގީގެ މަރުގެ ތަޙްޤީޤާއި ގުޅޭ ގިނަ މައުލޫމާތުތަކެއް އިއްޔެ އެމެރިކާގެ ޖާސޫސީ އިދާރާތަކުން ވަނީ ޓްރަމްޕް އަށް ދީފައެވެ. އެމައުލޫމާތުތަކުގެ ތަފްސީލެއް މީޑިއާ އަށް ހާމަކޮށްފައެއް ނުވެއެވެ.

ޓްރަމްޕް ވަނީ ޚަޝޯގީ ގެއްލުނު ފަހުން ދެފަހަރެއްގެ މަތިން ވަލީއަހްދު މުހައްމަދު އާއި ފޯނު މެދުވެރިކޮށް ވާހަކަދައްކާފައެވެ. ޓްރަމްޕް ކުރިން ދިން އިންޓަވިއުއެއްގައި ބުނީ ޚަޝޯގީ މަރާލުމުގައި ބައިވެރިންތޯ ވަލީއަހްދު ކައިރީ އެއްސެވިން ކަމަށާއި އެކަމުގައި އެއްވެސް ވަރަކަށް ބައިވެރިވެފައި ނުވާނެ ކަމަށް ވަލީއަހްދު ވިދާޅުވި ކަމަށެވެ.

ތުރުކީ އިން އިއްޔެ ބުނީ ޚަޝޯގީގެ މަރަކީ ދުރާލާ ރާވައިގެން، ކޮށްފައިވާ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަން

    ޥަލީ އަހުދުގެ ކިބައިން ބޮޑު ލާރިގަނޑެެއް ހޯދަންވެގެން ދައްކާ ވާހަކައެއްކަމަށް ބެލެވެނީ.

  2. ހަލޯ

    މިޓްރަމްޕް މީ ހަމަ ފައްކާ މޮޔައެއް. ދެފަހަރަކު އެކައްޗެއް މިމައްސަލާގައި އަދި ނުކިޔާ.