ވީނުވީއެއް ނޭނގި ގެއްލިފައިވާ މެލޭޝިއާގެ ފްލައިޓް އެމްއެޗް 370 ގެއްލުމުގައި ތިން ވަނަ ފަރާތެއްގެ އަތެއް އޮވެދާނެ ކަމަށާއި އެފަރާތަކުން ފްލައިޓްގެ ވިއުގަތައް ހެކް ކޮށްފައިވާކަން ގަބޫލު ކުރެވޭ ވަރަށް ބައެއް މައުލޫމާތު އެފްލައިޓް ގެއްލުނު ހާދިސާ ތަޙްޤީޤު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ފްރާންސްގެ ތަޙްޤީޤީ އިދާރާތަކަށް މިހާރު ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚްގައި ވެސް ހިނގި އެންމެ ހައިރާން ކުރަނިވި ހާދިސާ ތަޙްޤީޤު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ފްރާންސްގެ އޮފިޝަލުންނަށް މިހާރު ފާހަގަ ކުރެވިފައިވާ ގޮތުގައި އިތުރަށް ދިރާސާކޮށް، ޙަޤީޤަތް ހޯދަން ޖެހޭ ބައެއް ފަސެންޖަރުން ފްލައިޓްގައި ތިއްބެވެ. އެމީހުންނަކީ ފްލައިޓް ގެއްލެން މެދުވެރިވި ހާދިސާ ކުރިމަތި ކުރުމަށް މެދުވެރިވި ކަމަށް ޝައްކު ކުރެވޭ މީހުންނެވެ. ނުވަތަ ފްލައިޓް ހެކްކޮށް ދުއްވުމުގައި އެއިން މީހެއްގެ ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތު ކުރެވެއެވެ.

ފްރާންސްގެ ޖެންޑާމެރީ އެއާ ޓްރާންސްޕޯޓް (ޖީޓީއޭ) އިން ކުރިއަށް ގެންދާ އެމްއެޗް 370 ގެ ތަޙްޤީޤަށް މިހާރު ފާހަގަވެފައިވާ ގޮތުގައި އެމްއެޗް 370 ހެކްކޮށްގެން ފްލައިޓް ދުއްވާފައި ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ޖީޓީއޭ އިން މިހެން ބުނެފައި ވަނީ ފްލައިޓް ގެއްލުނު އިރު އެއިން ދަތުރު ކުރި އަންހެނަކާއި ދެކުދިންގެ ބައްޕަ އަށް ތަޙްޤީޤުގެ މައުލޫމާތު ހިއްސާކުރަމުންނެވެ. ފްރާންސްގެ ހަތަރު މީހަކު އެމްއެޗް 370 އިން ދަތުރު ކުރިއެވެ.

އެޗްއެޗް 370 ގެއްލިފައި ވަނީ އެފްލައިޓްގެ ނިޒާމްތައް ހެކްކޮށްގެން އެހެން ބަޔަކު ނުވަތަ މީހަކު ފްލައިޓް ކޮންޓްރޯލް ކޮށްގެން ދުއްވައިގެން ކަމަށް ކުރިން ވެސް ބައެއް މީހުން ބުނެފައި ވެއެވެ. ނަމަވެސް އެކަމަށް ބާރުލިބޭ ހެއްކެތް ފެނުނު ކަމަކަށް މީގެ ކުރިން އެއްވެސް އިދާރާ އަކުން ބުނެފައެއް ނުވެއެވެ.

ފްރާންސްގެ ތަޙްޤީޤީ އިދާރާތަކުން މިހާރު ތައްޔާރުވަމުން ދަނީ ފްލައިޓް ހެކް ކޮށްގެން ދުއްވާފައިވާ ކަމަށް ބެލެވޭ މައްސަލަ އިތުރަށް ތަޙްޤީޤު ކުރުމަށް އެމެރިކާގެ އެފްބީއައިގެ ފަންނީ އެހީތެރިކަން ހޯދުމަށެވެ.

2014 ވަނަ އަހަރު ގެއްލުނު ފްލައިޓް ހޯދަން ހަމައެކަނި އޮސްޓްރޭލިއާ އިން ވެސް 140 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރިއެވެ. ނަމަވެސް ފްލައިޓް ހޯދަން ކުރި މަސައްކަތުން އެއްވެސް ކުރިއެރުމެއް ނުލިބުމުން ވަނީ މަސައްކަތް ހުއްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަހުމޫދު

    އެމެރިކާ ވަދެއްޖެތަ ތިޔަ މައްސަލަ ތާކުންތާކު ނުޖެހޭނެ. އެކަމް ތިޔައީ އެމެރިކާ އާއި ގުޅުން ހުރި މައްސަލައެއްނަމަ ތިޔަކަން މިހާރު ނިމުނީސް. ތިޔައީ އެމެރިކާމީހުން ކުރި ޓެސްޓެއް.

  2. މަލީހް

    އަހަން ނަށް ފެންނަނީ އިއްތިހާދު ކޯލިޝަން އާއި ތިމައްސަލަ ބަލަން ހަވާލުކުރަން ގާނޫނީ ވަކީލް ހަސަން ލަތީފް ވަރަށް މޮޅުވާނެ ތިކަމަށް އަދި މައްސަ އިތުރަށް ދިރާސާ ކުރަން ބޭނުންނަމަ މަހުލޫފްގެ އެހީވެސް ހޯދަން އެބަޖެހޭ

  3. ފުތާބެއްޔާ

    އެމްއެޗް 370 ނުގެއްލޭކަމަށް ދިވެހިރާއްޖޭގެ ރައީތުން މަޖިލީހުން ގަރާރެއް ނެރެންނޫޅޭބާ ކޯލިޝަން މެންބަރުން.. ތިކަމަށް ދެންގޮތެއް ނިންމެން އޮތީ މަޖިލީހުންކަމަށް ފެންނަނީ މިހާރު ދެންކަންތައް ދާގޮތުން