މެކްސިކޯ އާއި އެެމެރިކާ ބޯޑަރ ގުޅޭ ސަރަހައްދުން އެމެރިކާއަށް ޤާނޫނާއި ޚިލާފަށް މީހުން އެތެރެވަމުން އަންނަ ކަމަށާއި އެޤައުމަށް ޤަވާއިދާއި ޚިލާފަށް ވަންނަމުންދާ މީހުން ހުއްޓުވުމަށް ޤައުމު ކުއްލި ހާލަތަށް ގެންނަން ޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ބުނެފިއެވެ.

އިއްޔެ ކުރި ޓްވީޓެއްގައި ޓްރަންޕް ބުނެފައިވަނީ އެމެެރިކާއަށް ޤަވާއިދާ ޚިލާފަށް މީހުން އެރެތެވުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި، އެމެރިކާއަށް އެތެރެވާ މީހުންގެ ތެރޭގައި ބޮޑެތި ކުށްވެރިން ހިމެނޭ ކަމަށެވެ. އަދި މިއީ އެމެރިކާއަށް ހުރި ނުރައްކަލެއް ކަމަށްވެސް ޓްރަންޕް ބުނެފައިވެއެވެ.

އަބަދުވެސް އެމެރިކާއަށް ޤަވާއިދާ ޚިލާފަށް މީހުން އެތެރެވާކަމަށް ބުނެ ވާހަކަ ދައްކަމުން އަންނަ ޓްރަންޕްގެ މިޓްވީޓާއި އެކު ގިނަ ބަޔަކުގެ ސުވާލުތައް ޓްރަންޕްއާ ކުރިމަތި ވެގެންދެއެވެ. މިއާއެކު ޓްރަންޕްވަނީ އިތުރު ޓްވީޓެއް ކޮށްފައެވެ. މިޓްވީޓްގައި ޓްރަންޕް ބުނެފައިވަނީ ކުރިން ކުރި ޓްވީޓްގައިވާ ވާހަކަތަކީ އެއްވެސް ޙަޤީޤަތެއްގެ މައްޗަށް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ.

އަދި މިކަމާ ގުޅުވައިގެން މިއަދުވެސް ޓްރަންޕްވަނީ ޓްވީޓެއްކޮށްފައެވެ. މިޓްވީޓްގައި ޓްރަންޕް ބުނެފައިވަނީ ބޯޑަރު ހުރަސްކޮށް ވަގަށް ޤައުމަށް އެތެރެނުވާ ގޮތް ހެދުމަށް ބޯޑަރު ކައިރީގައި ތިބޭ ސިފައިންގެ އަދަދު އެތައް ގުނައެއް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޓްރަންޕް ވެރިކަމަށް ކުރިމަތިލާން އުޅުނުއިރު، އެމެރިކާއަށް ވަގަށް ސިފައިން އެތެރެވިޔަ ނުދީ ޗައިނާ ގޮތަށް ވަށައިފާރެއް ރާނާނެ ކަމަށް ޓްރަންޕް ވަނީ ބުނެފައެވެ. އަދި މެކްސިކޯ ބޯޑަރުން އެމެރިކާއަށް އެތެރެވި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ބަޔަކު، ވަރަށް ކުޑަ ގޮޅިއެއްގައި ލާއިންސާނީކޮށް ހައްޔަރުކޮށްފައިވާ މައްސަލައެއްވެސް ދާދިފަހުންވަނީ ފެންމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު