ވޮޝިންޓަން ޕޯސްޓްއަށް ލިޔަމުން ދިޔަ ސައުދީ އަރަބިއްޔާ އަށް އުފަން ނޫސްވެރިޔާ ޖަމާލް އަހުމަދު ޚާޝޮގީ ތުރުކީގެ އިސްތަންބުލްގައި ހުންނަ ސައުދީ ކޮންސިއުލޭޓްގައި މަރާލާފައިވަނީ ދުރާލާ ރޭވިގެން ކަމަށް ސައުދީ އަރަބިއްޔާއިން އެއްބަސްވެއްޖެއެވެ.

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ސައުދީގެ ޕްރެސެކިއުޓަރ ޖެނެރަލް ބުނެފައިވަނީ ތުރުކީގައި ޙަރަކާތްތެރިވާ ސައުދީގެ އޮފިޝަލުންނާއި ތުރުކީގެ އޮފިޝަލުންގެ ހޯދުންތަކުގެ އަލީގައި މިކަމަކީ ވަރަށް ދުރާރާ ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް މިއީ ސީދާ ސައުދީގެ ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވެފައެއް ނުވެއެވެ.

ނޫސްވެރިޔާ ޚާޝޮގީގެ މަރުގެ މައްސަލައިގައި ސައުދީގެ ރާގު ފެށުނީއްސުރެ ތަފާތު ގޮތްގޮތަށް ދަނީ ބަދަލުވަމުންނެެވެ. މިގޮތުން މިމަހު 2 ވަނަ ދުވަހު ނޫސްވެރިޔާ ސައުދީ ކޮންސިއުލޭޓުން ގެއްލުނު ދުވަހު ސައުދީން ބުނެފައިވަނީ އޭނާ ކޮންސިއުލޭޓުން ނިކުތް ކަމަށެވެ. ނަމަވެސް ސީސީޓީވީ ފްޓޭޖްތަކުން ފެންނަ ގޮތުގައި ކޮންސިއުލޭޓުން ނިކުމެފައިވަނީ ޚާޝޮގީގެ ހެދުމުގައި އެހެން މީހެކެވެ. މީގެ ފަހުން ތުރުކީއިން މިމައްސަލަ ބަލަން ފެށުމުން ސައުދީއިން ބުނެފައިވަނީ ކޮންސިއުލޭޓް ތެރޭގައި ހިނގި ތަޅާފޮޅުމެއްގެ ނޫސްވެރިޔާ މަރުވީ ކަމަށެވެ. ނަމަވެސް މިއީ ދުރާލާ ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ސައުދީއިން މިއަދު މިވަނީ ބުނެފައެވެ.

ޖަމާލް އަހުމަދު ޚާޝޮގީ އަކީ އަމިއްލައަށް ތުރުކީއަށް އަރުވާލެވިގެން ހުރި މީހެކެވެ. އޭނާ އެމެރިކާ އަށް ދިރިއުޅުން ބަދަލުކޮށްފައިވަނީ ސައުދީގެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށް އޭނާ ލިޔަމުން ގެންދިޔަ ނޫސް ހުއްޓުވާލުމަށް ފަހު އޭނާއާއެކު މަސައްކަތް ކުރި މީހުން ޖަލަށް ލުމާއި ގުޅިގެންނެވެ.

މި ނޫސްވެރިޔާއަކީ ސައުދީ އަރަބިއްޔާގެ ވަލީ އަހްދަށާއި ސައުދީގެ ސަރުކާރަށް ވަރަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުކޮށް ލިޔެފައިވާ ނޫސްވެރިއެކެވެ. އަދި އޭނާ ސައުދީ ކޮންސިއުލޭޓަށް ދިޔައީ އޭނާ ކުރިން ކައިވެނިކުރި ސައުދީ އަންހެން މީހާގެ ވަރީގެ ސެޓްފިކެޓް ހޯދާށެވެ.