ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓްގެ ތެރޭގައި މަރާލި ޖަމާލް ޚަޝޯގީގެ ފިރިހެން ދަރިފުޅާއި އޭނާގެ އާއިލާ ސައުދީ އަރަބިއްޔާ ދޫކޮށް، އެމެރިކާ އަށް ދިއުމަށް ފުރައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޚަޝޯގީގެ ފިރިހެން ދަރިފުޅު ސަލާހްގެ އިތުރުން، އާއިލާގެ އިތުރު މެންބަރުން ވެސް އެމެރިކާ އަށް ދިއުމަށް ފުރާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ދެން އެމެރިކާ އަށް ދަތުރުކުރާ އާއިލާ މެންބަރުންގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ޚަޝޯގީގެ އާއިލާ އެމެރިކާ އަށް ފުރާފައި މިވަނީ އޭނާގެ އާއިލާ ފުރުން މަނާކޮށްފައިވާ ކަމަށް ހުޅަނގުގެ މީޑިއާ އިން ރިޕޯޓް ކުރަމުން ގެންދަނިކޮށެވެ.

ޚަޝޯގީ އަކީ އެމެރިކާގެ ރަށްވެހިކަން ހޯދައިގެން އެމެރިކާގައި ފަަހަކަށް އައިސް ދިރިއުޅެމުން އައި މީހެކެވެ.

މިދިޔަ އަންގާރަ ދުވަހު ޚަޝޯގީގެ ފިރިހެން ދަރިފުޅު ސަލާހް އާއި ޚަޝޯގީގެ ކޮއްކޮ ވަނީ ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒް އާއި ވަލީއަހްދު މުހައްމަދު ބިން ސަލްމާން އާއި ބައްދަލު ކޮށްފައެވެ. އެބައްދަލުވުމުގައި ރަސްގެފާނާއި ވަލީއަހްދު ވަނީ ޚަޝޯގީގެ އާއިލާ އަށް ތައުޒިއާ ރައްދުކޮށްފައެވެ.

ސައުދީ އަރަބިއްޔާގެ ޕްރޮސެކިއުޓަރުން މިއަދު ވަނީ ޚަޝޯގީ މަރާލާފައި ވަނީ ދުރާލާ ރާވައިގެން ކަމަށް އެއްބަސްވެފައެވެ. އަދި އެމައްސަލައިގައި ހިމެނޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ސައުދީ އަރަބިއްޔާ އިން ވެފައިވާ ވައުދު މިއަދު ވެސް ވަނީ ތަކުރާރު ކޮށްފައެވެ.

ޚަޝޯގީ މަރާލާފައި ވަނީ މިމަހުގެ 02 ވަނަ ދުވަހު ވަރީގެ ސެޓްފިކެޓް ހޯދަން ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަނުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ަސދ

    ދިވެހި ސަރުކާރުން އަދި ނޫސްވެރިކަމާއި ހިއުމަންރައިޓްސް އާއި ދިވެހި ބޭސްވެރިއެއްކަމަށް ދައުވާކުރާ ބޮޑުވަޒީރު އައްނި އަށް އަނގައިންބުނަންވެސް ނުކެރޭނެ.

  2. މުހޮނު/ރާއްޖެތެރެ

    އެއީ އެމެރިކާގައި ދިރިުިއުޅުނުމީހެއް ރައްވެއްސެއް ނޫން!