ފާއިތުވެދިޔަ ދިހަ ގަޑިއެއްހާއިރު ތެރޭ ގްރީސް ހިމެނޭ ސަރަޙައްދުން އަޔޯނިއާ ކަނޑަށް 25 ބިންހެލުމެއް އައިސް ސުނާމީގެ އަސަރު ސަރަޙައްދުގެ ބައެއް އައްސޭރިތަކަށް ކޮށްފާނެކަމުގެ ނުރައްކާ ކުރިމަތިވެއްޖެއެވެ.

ރޭ ފަތިހުން ފަށައިގެން މި ސަރަޙައްދަށް ބާރުގަދަ ގިނަ ބިންހެލުންތައް އަންނަމުންދާއިރު އެންމެ ފުރަތަމަ ބިންހެލުމެއް އައިސްފައިވަނީ ރާއްޖެ ގަޑިން ރޭ ފަތިހު 4:00 ހާއިރު މެގްނިޓިއުޑް މިންގަނޑުން 5.1 ގެ ބާރުމިނުގައެވެ.

އޭގެ ވިހި މިނެޓު ފަހުން ހަމަ އެ ސަރަޙައްދަށް މެގްނިޓިއުޑް މިންގަނޑުން 6.8 ގެ ބާރުމިނުގައި ބިންހެލުމެއް އައިއިރު، ދެވަނަ ބިންހެލުމަށްފަހު 15 މިނެޓު ނުވަނީސް ވަނީ 5.6 ގެ ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. މި ހުރިހާ ބިންހެލުމެއް ވެސް އައީ ކަނޑުގެ ދިހަ ކިލޯ މީޓަރު އަޑިންނެވެ.

ޔޫރޮޕިއަން-މެޑިޓަރޭނިއަން ސެއިސްމޮލިޖިކަލް ސެންޑަރުން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ބާރުގަދަ ތިން ބިންހެލުމަކަށް ފަހު ގްރީސް ކައިރިޔަށް އިތުރު ބިންހެލުންތަކެއް ހުއްޓުމެއް ނެތި އަންނާން ފެށީ ރޭ ފަތިހު 5:00 ހާއިރު ފެށިގެންނެވެ. މެގްނިޓިއުޑް މިންގަނޑުން 4.5 އާއި 5.0 އާއި ދެމެދުގެ ބިންހެލުންތައް އޭރުން ފަށައިގެން ގިނަ ޢަދަދަކަށް އެ ސަރަޙައްދަށް އަންނަމުން ދާއިރު، އޭގެތެރޭގައި 5.0 ގެ ދެ ބިންހެލުން ހިމެނޭ ކަމަށް އެ އިދާރާއިން ބުނެއެވެ.

ގްރީސްގެ އައްސޭރިން 50 މޭލު ދުރުގައި އޮންނަ އަޔޯނިއާ ކަނޑަށް ހުއްޓުމެއް ނެތި މިއަދު ބާރުގަދަ ބިންހެލުންތައް އަންނަމުންދާއިރު، އެއިން ބައެއް ބިންހެލުމުގެ ލޮޅުންތައް ގްރީސްގެ އިތުރުން އެ ސަރަޙައްދުގައި އޮންނަ އިޓަލީގެ ބައެއް ހިސާބުތަކަށްވެސް އައިސްފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

މި ބިންހެލުންތަކާއި ގުޅިގެން ގްރީސް އާއި އިޓަލީގެ އައްސޭރީގެ ހިސާބުތަކަށް ސުނާމީއެއް އަރާފާނެކަމުގެ އިންޒާރު ވަނީ ނެރެފައެވެ. މިއީ ގެއްލުންބޮޑު ސުނާމީއަކަށް ވެދާނެ ކަމަކަށް ބެލެވިފައި ނުވީނަމަވެސް، އައްސޭރިފަށުގައި އުޅޭ ފަރާތްތައް ރައްކާތެރި ސަރަޙައްދަށް ބަދަލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި ބިންހެލުމުގައި ލިބުނު ގެއްލުންތަކާއި ބެހޭ މަޢުލޫމާތުތައް އޮފިޝަލުން އަދި ހާމަކޮށްފައި ނުވީނަމަވެސް ބައެއް ނޫސްތަކުގައި ބުނެފައިވަނީ، ބިންހެލުމުގެ ސަބަބުން، ތާރީޚީ ބިނާތައް ގިނަ ގްރީސްގައި ހުރި 15 ވަނަ ގަރުނުގެ އާސާރީ ބިނާއަކަށް ގެއްލުން ލިބިފައިވާކަމަށެވެ. އަދި ބިންގަނޑު ކަނޑައިގެން ގޮސް ބައެއް ގެތަކުގައި ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބުނު ކަމަށް ނޫސްތަކުގައި ވަނީ ބުނެފައެވެ.

ގްރީސް ހިމެނޭ ސަރަޙައްދަކީ ގިނަ ޢަދަދަކަށް ކުދި ބިންހެލުންތައް އަންނަ ސަރަޙައްދެކެވެ. ކޮންމެ އަހަރަކުވެސް މި ސަރަޙައްދުގެ ބިމުގެ އަޑިން ހާހަކަށްވުރެ ގިނަ ކުދި ބިންހެލުންތައް އަންނަމުންދާއިރު، މިއީ ފަހުގެ ތާރީޚެއްގައި ބާރުގަދަ ގިނަ ބިންހެލުންތަކެއް އެ ސަރަޙައްދަށް އައި ފަހަރެވެ. މި ބިންހެލުންތައް އަންނަމުން މި ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަންނަ ބާރުގަދަ ބިންހެލުންތައް އާދަޔާއި ޚިލާފަށް އިތުރުވެފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.