ސްރީލަންކާގެ ރައީސް މައިތިރިޕާލަ ސިރިސެނާ އަވަހާރަކޮށްލަން ރޭވި، އެޤައުމުގެ ކައުންޓަރ ޓެރެރިޒަމްގެ ބިއުރޯގެ އިސް އޮފިޝަލަކު ހައްޔަރުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެމުން ލަންކާ ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ، އެ އޮފިޝަލް ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި، ސިރިސޭނާގެ އިތުރުން ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުންނާއި އެނޫންވެސް ސަރުކާރުގެ ބައެއް އިސް ބޭފުޅުން އަވަހާރަކޮށްލަން އޭނާ ރާވަމުންދިޔަ ކަމަށް ތުހުމަތު ކުރެވޭކަމަށެވެ.

މި މައްސަލައިގައި ސްރީލަންކާގެ ޓެރެރިސްޓް އިންވެސްޓިގޭޝަން ޑިވިޝަން (ޓީއައިޑީ)ގެ ޑެޕިއުޓީ އިންޕެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުރި ނަލަކާ ދި ސިލްވާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު، އޭނާ ހައްޔަރުކޮށްފައިވަނީ އެޤައުމުގެ ސީއައިޑީން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

ލަންކާގެ ރައީސާއި ބައެއް އިސް ބޭފުޅުން އަވަހާރަކޮށްލަން ރާވަމުންދިޔަ މައްސަލަ އާއި ގުޅިގެން ނަލަކާ ހައްޔަރުކޮށްފައިވާއިރު، އޭނާ އާއި ދެކޮޅަށް ގިނަ ހެކިތައްވެސް ލިބިފައިވާ ކަމަށް އެޤައުމުގެ ކަމާއި ބެހޭ އިދާރާތަކުން ބުނެއެވެ.

މިކަމާއި ގުޅިގެން ސިރިސޭނާ އާއި ލަންކާގެ އިސް ބައެއް ބޭފުޅުންގެ ސެކިއުރިޓީ މިހާރު ވަނީ ވަރުގަދަކޮށްފައެވެ. އަދި ނަލަކާ އާއި އިތުރު އެހެން ބައެއް ނުވަތަ ޖަމާޢަތަކާއި ގުޅުން އޮތްތޯވެސް ބެލުމުގެ މަސައްކަތް އޮފިޝަލުން ދަނީ ކުރަމުންނެވެ.

ލަންކާގެ މިހާރުގެ ރައީސް އަވަހާރަކޮށްލަން ޙަމަލާއެއް ރާވަމުންދިޔަ މައްސަލައެއް ފެންމަތިވިއިރު، މީގެ ކުރިން އެޤައުމުގެ ވެރިކަމުގައި ޗަންދްރިކާ ކުމާރުތޫނގާ ހުންނެވިއިރު އެކަމަނާއަށްވެސް އެފަދަ ޙަމަލާއެއް އަމާޒުކުރެވުނެވެ. އެ ޙަމަލާގައި އެކަމަނާ ޒަޚަމްވިނަމަވެސް ވަނީ ސަލާމަތްވެވަޑައިގެންފައެވެ.