ސްރީލަންކާގެ ދައުލަތުގެ ޓީވީ ޗެނަލް ކަމަށްވާ "ރުޕަވަނީ" ގެ ޚިދުމަތް ކުއްލި ގޮތަކަށް މެދުކެނޑިއްޖެއެވެ.

"ރުޕަވަނީ" ޓީވީ ޗެނަލްގެ ޚިދުމަތް ކުއްލި ގޮތަކަށް މެދުކެނޑުނު ސަބަބެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ޓީވީ ޗެނަލްގެ ޚިދުމަތް މިމެދުކެނޑުނީ މިރޭ ކުއްލި ގޮތަކަށް ލަންކާގެ ބޮޑުވަޒީރު ކަމުން ރަނިލް ވިކްރަމަސިންހަ ވަކިކޮށް އެމަގާމަށް ކުރީގެ ރައީސް މަހިންދްރަ ރާޖަޕަކްސް އައްޔަން ކޮށްފައި ވަނިކޮށެވެ.

މުޅިން ކަަވަރުނުވާ ރިޕޯޓްތައް ބުނާ ގޮތުގައި "ރުޕަވަނީ" ގެ ޚިދުމަތް މެދުކަނޑާލީ ރަނިލް އަށް އެޗެނަލްގެ ވެރިން ތާއީދު ކުރާތީ، ރައީސް ސިރިސޭނަގެ އޯޑަރަށެވެ.

ޓީވީ ޗެނަލްގެ ޚިދުމަތް މެދުކަނޑާލި ސަބަބާއި ގުޅޭ ގޮތުން ލަންކާ ސަރުކާރުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ރަނިލް ބޮޑުވަޒީރު ކަމުން ވަކިކުރި މައްސަލައިގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދިފައެވެ. ރަނިލް އާއި އޭނާގެ ސަޕޯޓަރުން ގަބޫލު ކުރާ ގޮތުގައި ރަނިލް ބޮޑުވަޒީރު ކަމުން ވަކިކުރެވޭނީ ޤާނޫނު ހަދާ މަޖިލީހުގައި އިތުރުބާރު ނެތް ކަމުގެ ވޯޓް ނަގައިގެން އިތުބާރު ނެތް ކަމަށް ފާސްވެއްޖެ ހާލަތެއްގައި އެކަންޏެވެ.

ނަމަވެސް މިއަދު ލަންކާގެ ރައީސް ސިރިސޭނަ ވަނީ ރަނިލްގެ ޕާޓީ އާއި އެކު އޭނާގެ ޕާޓީ އިން ހެދި ކޯލިޝަން އުވާލާ، ބޮޑުވަޒީރު ކަމަށް ކުރީގެ ރައީސް މަހިންދްރަ ރާޖަޕަކްސް އައްޔަން ކޮށްފައެވެ.

ލަންކާގެ ޤާނޫނީ މާހިރުން ވިދާޅުވާ ގޮތުގައި ސިރިސޭނަ މިއަދު ނިންމެވި ނިންމެވުމުގެ ސަބަބުން ޤާނޫނީ ބޮޑެތި މައްސަލަތަކެއް ފެންމަތިވާނެއެވެ.