އަވަށްޓެރި ސްރީ ލަންކާ އަށް މިހާރު އައިސްފައިވާ ސިޔާސީ ބޮޑު ބަދަލުގެ ތެރޭގައި، އެޤައުމުގެ ޤާނޫނު އަސާސީއާ އެއްގޮތަށް، ހަމަނުޖެހުމަކަށް ފުރުޞަތު ނުދީ ކަންތައްތައް ކުރުމަށް އެމެރިކާ އިން ގޮވާލައިފިއެވެ.

އެމެރިކާގެ ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޤާނޫނު އަސާސީއަށް ތަބާވެ، ޤާނޫނު އަސާސީއާ އެއްގޮތަށް ކަންތައްތައް ކުރުމަށް އެދޭކަމުގައެވެ. ހަމައެހެންމެ، ޤައުމުގައި ހަމަނުޖެހުން ހިންގަން މަގުފަހިވެދާނެ އެންމެހާ ކަންކަމުން ދުރުވެ، ޑިއު ޕްރޮސެސްގެ ތެރެއިން ކަންތައްތައް ކުރުމަށްވެސް ގޮވާލާފައިވެއެވެ.

މީގެއިތުރުންވެސް، ސްރީ ލަންކާ އަށް އައިސްފައިވާ ސިޔާސީ ބަދަލާ ގުޅިގެން އެމެރިކާ އިން ބުނެފައިވަނީ ޖެނީވާ މުއާޙަދާއިން ކަށަވަރުކޮށްދޭ އިންސާނީ ޙައްޤުތަކާއި އެނޫންވެސް އިތުރު ޙައްޤުތައް ފޯރުކޮށްދޭނެކަމަށް އުންމީދު ކުރާކަމުގައެވެ. އޭގެތެރޭގައި، ޖަވާބުދާރީ ކުރުވުމާއި ޖަވާބުދާރީވުން އަދި އިންސާފު ހޯދުމުގެ ޙައްޤު ހިމަނާފައިވެއެވެ.

މަހިންދަ ރާޖަޕަކްސަ
މަހިންދަ ރާޖަޕަކްސަ

ސްރީ ލަންކާ އަށް ސިޔާސީ ގޮތިުން ވަރުގަދަ، ބޮޑު ބަދަލެއް އައިސްފައިވަނީ އެޤައުމުގެ ބޮޑުވަޒީރުގެ މަޤާމަށް، އެޤައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަ ޕަކްސަ އައްޔަން ކުރެއްވުމުންނެވެ. ރާޖަޕަކްސަ އަކީ، މިހާރުގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ކުރީގެ އެންމެ ބޮޑު ވާދަވެރިއެވެ.

ބޮޑުވަޒީރުގެ މަޤާމަށް ކުރީގެ ރައީސް އައްޔަން ކުރައްވާފައިވަނީ، ކުރިން އެމަޤާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހު، އެމަޤާމު ދުރުކުރެއްވުމަށް ފަހުއެވެ. އޭނާ އެމަޤާމުން ދުރުކުރައްވާފައިވަނީ، ސިރިސޭނާގެ ޕާޓީ އާއި ރަނިލްގެ ޕާޓީއާ ދެމެދު ހަދާފައިވާ ކޯލިޝަން ރޫޅާލުމަށްފަހުއެވެ. އަދި، މިހާރުވަނީ ރާޖަޕަކްސަގެ ޕާޓީއާއެކު ސިރިސޭނާގެ ޕާޓީ ކޯލިޝަން ހަދާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހާމާނު

    ތިހެން ބުނަން އެންމެ ރަނގަޅީ އެމެރިކާ. މިހާރު ދުނިޔެއިން ބާކީވެފަ އޮތް ގައުމެއް.

  2. ޑިމޮކްރަޓިސްޓް

    އެމެރިކާ އާ ނުބެހޭކަމެއް ދުނިޔޭގަ އޮވޭތަ؟ ކިހާބޮޑު މުސީބާތެއްތަމީ؟ މިއލާތުންނަށް ކޮންކަމެއް އެހެންގައުމެއްގަ ކޮންމެކަމެއް ކުރިއްޔާ؟

  3. މުހަންމަދު.

    އެމެރިކާއިން ފުރަތަމަ އިޒްރޭލުން ފަލަސްތީނު މީހުންނަށްކުރާ އަނިޔާ ހުއްޓުވާ،ދެން ކޮބާ އިރާގު މިހުންނަށް ދިން އަނިޔާ، ރާއްޖެއިންވެސް މިހާރު ވެރިކަމަށް އާދެވުނު މީހުން އެއުޅެނި ހިދޫންނާއި،ނަސާރާއިން އަދި ޔަހޫދީންގެ ފަސްބައިގައި އެލިގަނެެގެން.

  4. އަބޫ ގުރެއިބު

    ދުނިޔޭގެ ޑިމޮކްރަސީގެ އައްޕަ އެމެރިކާ.

  5. ޢަލީ

    ކީއްވެ ރާއްޖެއަށް ވަކިގޮތަކަށް އަންގަންޖެހުނީ، ރާއްޖެއިންވެސް ކަންކަން ކުރަމުންދަނީ ޤާނޫނުތަކާ ޤާނޫނުއަސާސީއާ އެއްގޮތަށް، އެކަމަކު ފިޔަވަޅުއަޅާނަމޭ ދަތިކުރާނަމޭ. އެއީ އަހަރެމެން ކުޑަވީމަދޯ.