ސައުދީ އަރަބިޔާގެ އޮފިޝަލުން ތައުޒިޔާ ރައްދުކުރަން ނުގުޅާކަމަށާއި، އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ޙައްޤު އަދަބު ލިބެން ޖެހޭނެކަމަށް، ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީގެ ކޮންސިއުލޭޓު ތެރޭގައި މަރާލި، ނޫސްވެރިޔާ ޖަމަލު ޚަޝޯޤީގެ ލޯބިވެރިޔާ ބުނެފިއެވެ.

ޚަޝޯޤީގެ މަރަށްފަހު ފުރަތަމަ ފަހަރަށް މީޑިޔާ އަކަށް އިންޓަވިއު ދެމުން، ހަޓިސް ކެންގިޒް ވަނީ އޭނާގެ ލޯބިވެރިޔާ މަރާލި ދުވަހުގެ ވާހަކަތައް ކިޔައިދީފައެވެ. މި ވާހަކަތައް ކިޔައިދެމުން ކެގިޒް ބުނެފައިވަނީ ކަންތައްތައް ވެގެން ދިޔަގޮތުން އަދިވެސް ސުވާލެއްގެ ތެރޭގައި ހުރިކަމަށާއި މިކަންކަމުގެ ސަބަބުން އަމިއްލަ ނަފްސާމެދުވެސް ސުވާލު އުފައްދަމުންދާކަމުގައެވެ.

މީގެއިތުރުންވެސް، ލޯބިވެރިޔާ ކެންގިޒް ބުނެފައިވަނީ ކޮންސިއުލޭޓަށް ވަނުމުން ކަންތައްތައް ގޯސްވާނެކަމަށް ޚަޝޯޤީއަށް އެނގޭކަމަށެވެ.

އެދުވަހު ކަންތައް ވީ ގޮތް ކިޔައިދެމުން އޭނާ އިތުރަށް ބުނެފައިވަނީ ކޮންސިއުލޭޓުގެ ތެރެއަށް ވަންނަމުން ޚަޝޯޤީ ގެންގުޅޭ ދެ މޯބައިލް ފޯނު އޭނާގެ އަތަށް ދިންކަމަށެވެ. އަދި، ޚަޝޯޤީ ކޮންސިއުލޭޓަށް ވަނުމުން އޭނާ ހުރީ ބޭރުގައި މަޑުކޮށްގެންކަމަށާއި ކަންބޮޑުވީ ނުނިކުމެ މާ ގިނައިރުތަކެއް ވެގެން ދިއުމުންކަމަށެވެ.

"ހަބަރުތުރުކް" ނަމަކަށް ކިޔާ ޓީވީ އަކަށް މައުލޫމާތު ދެމުން ކެންގިޒް އިތުރަށް ބުނެފައިވަނީ އަދިވެސް އޭނާ ހުރީ އަނދިރިގަނޑެއްގެ ތެރޭގައިކަމަށާއި އެކަން ބަޔާންވެސް ނުކޮށްދެވޭނެކަމުގައެވެ.

ޚަޝޯޤީ

"އަހަރެންނަށް ފެންނަނީ އަހަރެން މިހުރީ އަނދިރިގަނޑެއްގެ ތެރޭގައިކަމަށް. އަހަރެންނަށް މިކަން ބަޔާންކޮށެއް ނުދެވޭނެ." ކެންގިޒް ބުނެފައިވެއެވެ.

ކެންގިޒް އިތުރަށް ކިޔައިދީފައިވާ ގޮތުން މިކަމުގައި ކިތަންމެ ކުޑަކޮށް ބައިވެރިވެފައިވާ މީހެއްކަމުގައިވިޔަސް، އެމީހަކަށް ޙައްޤު އަދަބު ލިބެން ޖެހޭނެއެވެ.

"އަހަރެން ޑިމާންޑު ކުރަން މި ޖަރީމާގައި އެންމެ މަތިން ފެށިގެން އެންމެ ދަށަށްވިޔަސް ބައިވެރިވެފައިވާ މީހުންނަށް އަދަބު ދީ، އިންސާފު ހޯދަން." ޕީއެޗްޑީ އަށް ކިޔަވަމުން އަންނަ ކެންގިޒް ބުނެފައިވެއެވެ.

މިކަމާ ގުޅުން ހުރި އެހެން ކަންކަން ހާމަކުރަމުން ކެންގިޒް އިތުރަށް ބުނެފައިވަނީ، އޭނާ އެމެރިކާ އަށް ދިއުމަށް އެޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައުވަތު ދިން ކަމުގައެވެ. އެހެންނަމަވެސް، އެކަންކަމަކީ ހަމައެކަނި ރައްޔިތުންގެ ލޯތްބާއި ތާއީދު ހޯދަން ޓްރަމްޕް ކުރާ ކަންކަން ކަމުގައިވެސް ބުނެފައިވެއެވެ.