ސްރީ ލަންކާގެ ބޮޑުވަޒީރަކަށް ވާން ޖެހޭނީ ޤާނޫނު ހަދާ މަޖިލީހުގައި އަޣުލަބިއްޔަތު އޮތް މީހެއްކަމަށާއި އަދިވެސް މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ އޭނާގެ އަތުގައިކަމަށް، ބޮޑުވަޒީރުގެ މަޤާމުން ދުރުކުރެވުނު ރަނިލް ވިކްރަމަސިންހު ވިދާޅުވެއްޖެއެވެ.

އެޤައުމުގެ ޔުނައިޓެޑް ނޭޝަނަލް ފްރަންޓުގައި ހިމެނޭ ޕާޓީތަކާއެކު، ފައްޅިއެއްގައި ކުރިއަށް ގެންދެވުނު ހަރަކާތްތަކަކަށްފަހު، ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރަނިލް ވިދާޅުވީ ޤައުމުގައި ހަމަނުޖެހުން ހިންގަން މަގުފަހިވާ ކަންކަން ކޮށްގެން ނުވާނެކަމަށާއި، ބޮޑުވަޒީރަކީ ކާކުކަން ކަނޑައެޅުމަށް ޤާނޫނު ހަދާ މަޖިލީހަށް ދޫކޮށްލުމަށް ފެންނަކަމުގައެވެ.

"އަހަރެން ގޮވާލަން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ޤައުމު ނުތަނަވަސް ނުކޮށް. ޤައުމުގައި ހަމަނުޖެހުން އުފެއްދުމަކީ ކުރަން ޖެހޭ ކަމެއް ނޫން. ބޮޑުވަޒީރަކީ ކާކުކަން ކަނޑައެޅުމަށް މަޖިލީހަށް ފުރުޞަތު ދޭން ޖެހޭ." ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރަނިލް މިއަދު ވިދާޅުވިއެވެ.

ރާޖަޕަކްސަ

ރަނިލް މިހެން ވިދާޅުވެފައިވާއިރު، ރަނިލްގެ ޕާޓީގައި ތިއްބެވި ވަރަށް ބާރުގަދަ ދެ މަޖިލިސް މެންބަރުންވަނީ އަލަށް ބޮޑުވަޒީރުކަމަށް އައްޔަން ކުރެއްވި މަހިންދަ ރާޖަޕަކްސަ އަށް ތާއީދު ކުރައްވަން ނިންމަވާފައެވެ. އެއީ، އަނާދު އަތުލުގަމަ އާއި ވަސަންތާ ސެނަޔަކަ އެވެ. މީގެއިތުރުންވެސް، ރަނިލްގެ ޕާޓީގައި ތިއްބެވި އެހެން ބައެއް މެންބަރުން ރާޖަޕަކްސަގެ ފަޅިއަށް އަރާވަޑައިގަންނަވާނެކަމަށް ބެލެވޭކަމަށް އެޤައުމުގެ މީޑިޔާ ރިޕޯޓުތައް ބުނެއެވެ. އެގޮތުން، ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާއިރު ރާޖަޕަކްސަ އަޣުލަބިއްޔަތު ހޯއްދަވާނެކަމަށް ބެލެވޭކަމަށްވެސް ބައެއް ނޫސްތަކުން ބުނެފައިވެއެވެ.

ލަންކާގެ ބޮޑުވަޒީރުކަން، ރަނިލް އަށް ގެއްލުނީ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް އިން ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީއާއެކު ހަދާފައިވާ ކޯލިޝަން ރޫޅާލުމަށްފަހުއެވެ.

ބޮޑުވަޒީރުކަމުން ދުރުކޮށް އެހެން ބޮޑުވަޒީރެއް އައްޔަން ކުރިކަމުގައިވިޔަސް، އެކަން ބަލައިނުގަންނަކަމަށާއި އެއީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއްކަމަށް ރަނިލް ވިދާޅުވެފައިވެއެވެ.