ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ، އެގައުމުގެ ގާނޫނު ހަދާ މަޖިލިސް ހުއްޓުވައިފިއެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ހަވާލާދީ "އޭއެެފްޕީ" ގައި ބުނެފައިވާ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ ހުރިހާ ބައްދަލުވުންތަކެއް ހުއްޓުވީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލިސް ސިރިސޭނާ ހުއްޓުވާފައިމިވަނީ، ލަންކާގެ ބޮޑުވަޒީރަކަށް ވާން ޖެހޭނީ ޤާނޫނު ހަދާ މަޖިލީހުގައި އަޣުލަބިއްޔަތު އޮތް މީހެއްކަމަށާއި އަދިވެސް މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ އޭނާގެ އަތުގައިކަމަށް، ބޮޑުވަޒީރުގެ މަޤާމުން އިއްޔެ ދުރުކުރެވުނު ރަނިލް ވިކްރަމަސިންހު ވިދާޅުވެފައި ވަނިކޮށެވެ.

"އަހަރެން ގޮވާލަން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ޤައުމު ނުތަނަވަސް ނުކޮށް. ޤައުމުގައި ހަމަނުޖެހުން އުފެއްދުމަކީ ކުރަން ޖެހޭ ކަމެއް ނޫން. ބޮޑުވަޒީރަކީ ކާކުކަން ކަނޑައެޅުމަށް މަޖިލީހަށް ފުރުޞަތު ދޭން ޖެހޭ." ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރަނިލް މިއަދު ވިދާޅުވިއެވެ.

ރަނިލް މިހެން ވިދާޅުވެފައިވާއިރު، ރަނިލްގެ ޕާޓީގައި ތިއްބެވި ވަރަށް ބާރުގަދަ ދެ މަޖިލިސް މެންބަރުންވަނީ އަލަށް ބޮޑުވަޒީރުކަމަށް އައްޔަން ކުރެއްވި މަހިންދަ ރާޖަޕަކްސަ އަށް ތާއީދު ކުރައްވަން ނިންމަވާފައެވެ. މީގެއިތުރުންވެސް، ރަނިލްގެ ޕާޓީގައި ތިއްބެވި އެހެން ބައެއް މެންބަރުން ރާޖަޕަކްސަގެ ފަޅިއަށް އަރާވަޑައިގަންނަވާނެކަމަށް ބެލެވޭކަމަށް އެޤައުމުގެ މީޑިޔާ ރިޕޯޓުތައް ބުނެއެވެ. އެގޮތުން، ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާއިރު ރާޖަޕަކްސަ އަޣުލަބިއްޔަތު ހޯއްދަވާނެކަމަށް ބެލެވޭކަމަށްވެސް ބައެއް ނޫސްތަކުން ބުނެފައިވެއެވެ.

ލަންކާގެ ބޮޑުވަޒީރުކަން، ރަނިލް އަށް ގެއްލުނީ ރައީސް ސިރިސޭނާގެ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް އިން ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީއާއެކު ހަދާފައިވާ ކޯލިޝަނުން ވަކިވުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ދެން އެއްމެ އަވަހަކަށް ހުއްޓުވަންޖެހެނީ މިގައުމުގެ ރައްޔިތުންގެ މަޖިލިސް، ހަމަ މިހާރުން މިހާރަށް މަޖިލިސް އުއްވާލަންޖެހެނީ، ހުރިހާ މެމްބަރުންވެސް އަމިއްލަ ފައިދާ ނެގޭގޮތަށް އެއްވެސް ހަމައެ ލަމައެއްނެތި މަސައްކަތްކުރަމުން ދާތަން ފެންނަނީ

  2. ކޯނީ ރިޕޯޓް

    ލަންކާގެ ގާނޫނުތައް މުގުރާފަ ސިރިސޭނާމެން މިކުރަނީ ހަމަ ބަޢާވާތް.