އިއްޔެ ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަޤާމު ގެއްލިވަޑައިގަތް ކުރީގެ ބޮޑުވަޒީރު، ރަނިލްވިކްރަމަ ސިންހައަށް ތާޢީދުކުރާ ވިހި މެމްބަރަކު، އެޤައުމުގެ އައު ބޮޑުވަޒީރު، މަހިންދަ ރާޖަޕަކްސައަށް ތާޢީދުކުރުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށް މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ލަންކާގެ ކެންޑީ ޑިސްޓްރިކްޓުގެ ޕާލެމެންޓް މެމްބަރު އަދި ރަނިލްގެ ޕާޓީ ކަމަށްވާ، ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ އިސް މެމްބަރެއްގެ ގޮތުގައި އެ ޕާޓީއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަނަންދާ އަލުތްގަމަގެ ބުނެފައިވަނީ، ޔޫއެންޕީގެ 20 މެމްބަރުން ރާޖަޕަކްސައަށް ތާޢީދުކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ.

ކެންޑީ ޑިސްޓްރިކްޓުގެ ޕާލެމެންޓް މެމްބަރު އަނަންދާ އަލުތްގަމަގެ

ރަނިލްގެ ޔޫއެންޕީ އިން އަނަންދާ އަލުތްގަމަގެ އިއްޔެ ވަނީ ވަކިވެފައެވެ. އެއަށްފަހު އޭނާ ވަނީ އިއްޔެ ބޮޑުވަޒީރުކަމުގެ ހުވާކުރެއްވި ރާޖަޕަކްސައަށް ތާޢީދުކުރަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ. އޭނާ ރާޖަޕަކްސައަށް ތާޢީދުކުރަން ނިންމީ ރާޖްޕަކްސަ ހުވާކުރެއްވުމުގެ ކުރީންނެވެ.

20 މެމްބަރުން ރާޖަޕަކްސައަސް ތާޢީދުކުރަން ނިންމާފައިވާ ކަން އަނަންދާ އަލުތްގަމަގެ ހާމަކުރިނަމަވެސް އެއީ ކޮން މެމްބަރުންނެއް ކަމެއް އޭނާ ހާމައެއް ނުކުރެއެވެ. އަނަންދާ އަލުތްގަމަގެ ބުނެފައިވަނީ އެ މެމްބަރުންގެ ނަން އަދި ހާމަކުރެވެން ނެތީ، އެ މެމްބަރުންނަށް ޙަމަލާއެއް ނުވަތަ ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި ކަމަށެވެ.

ރާޖަޕަކްސައަށް ލަންކާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް އައްޔަންކޮށްފައި ވަނީ ރައީސް ސިރިސޭނަގެ ޕާޓީ، ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) އިން ކުރީގެ ބޮޑުވަޒީރު ރަނިލްގެ ޔޫއެންޕީ އާއި އެކު ހަދާފައިވާ ވެރިކަން ކުރާ ކޯލިޝަނުން ވަކިވުމާއި ގުޅިގެންނެވެ. ރަނިލް ބޮޑުވަޒީރުކަމުން ދުރުކުރީ ރައީސް އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ސިރިސޭނައެވެ.

ޔޫޕީއެފްއޭ އާއި ޔޫއެންޕީ ގުޅިގެން ކޯލިޝަނެއް އުފައްދާފައިވަނީ ރާޖަޕަކްސަ ލަންކާގެ ވެރިކަމުގައި ހުންނެވިއިރު، އެ މަޤާމުން ރާޖަޕަކްސަ ދުރުކުރުމުގެ ބޭނުމުގައެވެ. ރާޖަޕަކްސަގެ ދިހަ އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ރަނިލް އާއި ސިރިސެނާގެ ކޯލިޝަން ގުޅިގެން ކުރި މަސައްކަތުން ކޯލިޝަންގެ ވެރިކަމެއް ފަސޭހަކަމާއި އެކު ގެނެވުނު ނަމަވެސް، ފަހުން ވަނީ މައްސަލަތަކެއް އުފެދި ކޯލިޝަން ބައިބައިވާން ފަށާފައެވެ.

އިއްޔެ ބޮޑުވަޒީރުކަމުން ވަކިވެވަޑައިގެންފައި ވީނަމަވެސް، ރަނިލް ވިދާޅުވަނީ ލަންކާގެ ބޮޑުވަޒީރަކީ އަދިވެސް އޭނާ ކަމަށެވެ. އަދި ޕާލެމެންޓުގެ ތެރެއިން އޭނާއަށް އަދިވެސް އަޣުލަބިއްޔަތު އޮތްކަން ދައްކަވާނެ ކަމަށް ރަނިލް ވިދާޅުވިއެވެ. ނަމަވެސް ރައީސް ސިރިސެނާ މިއަދު ވަނީ، އަންނަ މަހުގެ 16 ވަނަ ދުވަހާއި ހަމައަށް އެ ޤައުމުގެ މަޖިލީސް ހުއްޓުވާފައެވެ.

ސިރިސޭނަ އާއި ރާޖަޕަކްސަ ގުޅިވަޑައިގަތުމުން، ލަންކާގެ ޕާލެމެންޓުން އާ ކޯލިޝަން ސަރުކާރުކާރަށް ތާޢީދުކުރާ 95 މެމްބަރުން ތިއްބަވާއިރު، ރަނިލްއަށް ތާއީދުކުރާ 106 މެމްބަރުން ތިއްބަވައެވެ. ނަމަވެސް ޔޫއެންޕީގެ 20 މެމްބަރަކު ރާޖަޕަކްސައަށް ތާޢީދުކޮށްފިނަމަ ރަނިލްއަށް ޕާލެމެންޓުގެ އަޣުލަބިއްޔަތު ގެއްލިވަޑައިގަންނަވާނެއެވެ.