ޗައިނާ އިން ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޝެންގ ޝުއެޔުއާން ލަންކާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް އިއްޔެ އައްޔަން ކުރައްވާފައިވާ އެޤައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އާ ބައްދަލު ކުރައްވައިފިއެވެ.

މި ދެބޭފުޅުންގެ ބައްދަލުކުރެއްވުން ކުރިއަށް ގެންދަވާފައިވަނީ ރާޖަޕަކްސަގެ އަމިއްލަ ގެކޮޅުގައިކަމަށް ސްރީ ލަންކާގެ މީޑިޔާ ރިޕޯޓުތައް ބުނެފައިވެއެވެ.

މީގެއިތުރުންވެސް، ސްރީ ލަންކާގެ މީޑިޔާ ރިޕޯޓުތައް ބުނެފައިވާ ގޮތުން، މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވުމުގެ އިތުރުން، ބޮޑުވަޒީރުގެ މަޤާމަށް އައްޔަންވުމުގެ ސަބަބުން، ޗައިނާގެ ރައީސް ޝީ ޖިންގޕިންގެ ޚާއްޞަ ތަހުނިޔާވެސް ރާޖަޕަކްސަ އަށް ރައްދުކުރައްވާފައިވެއެވެ.

ހަމައެހެންމެ، ބޮޑުވަޒީރުކަމުގެ މަޤާމުން ދުރުކޮށްފައިވާ ރަނިލް ވިކްރަމަސިންހައާވެސް ޗައިނާގެ ސަފީރު މިއަދު ބައްދަލު ކުރައްވާފައިވާކަމަށް ލަންކާގެ މީޑިޔާގެ ރިޕޯޓުތައް ބުނެފައިވެއެވެ.

ޗައިނާއަކީ ސްރީ ލަންކާގެވެސް ތަރައްޤީގެ މުޙިއްމު ދައުރެއް އަދާކުރާ ވަރުގަދަ ހިއްސާދާރެކެވެ. އެގޮތުން، ލަންކާގައި ކުރިއަށް ގެންދިޔަ ވަރުގަދަ، ބިޔަ ތަރައްޤީގެ މަޝްރޫޢުތަކެއް ޗައިނާގެ މަދަދާއެކު ކުރިއަށް ގެންގޮސްފައިވެއެވެ. ހަމައެހެންމެ، ލަންކާގައި އޮންނަ މި ސަރަޙައްދުގެ ސްޓްރެޓެޖިކް ބަނދަރެއްކަމުގައިވާ ހަމްބަންތޮޓާ ބަނދަރުވެސް ހަވާލުކޮށްފައިވަނީ ޗައިނާއަށެވެ.

ރައީސްކަމުގައި ހުންނެވި ދުވަސްވަރުވެސް ރާޖަޕަކްސަ އާއި ޗައިނާއާ ދެމެދު ގާތްގުޅުމެއް އޮތެވެ. ހަމައެހެންމެ، ވެރިކަމަށް ފަހުގައިވެސް އެގުޅުން ހީނަރުނުވެ އޮތް މަންޒަރު ފެނިފައިވެއެވެ. އެގޮތުން، ޗައިނާ އިން އިންތިޒާމުކޮށްގެން ލަންކާގައި ކުރިއަށް ގެންދިޔަ ގިނަ ހަރަކާތްތަކެއްގައި ރާޖަޕަކްސަ ބައިވެރިވެވަޑައިގެންފައިވެއެވެ.

ރާޖަޕަކްސަ، ލަންކާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް އައްޔަން ކުރެއްވުމުން، ޗައިނާއާ ވާދަވެރި އިންޑިޔާ އިން ކަންބޮޑުވާން ޖެހޭކަމަށް އެޤައުމުގެ ނޫސްތަކުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮމްޕެނީ

    ރައީސް ސިރިސޭނާ ލަންކާގެ ޕާރލަމެންޓް ފްރީޒް ކުރުން އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ ޗައިނާ އާއި ގުޅިގެން ރާޖަ ޕަކްސާ އަނެއްކާ ލަންކާ ރިޖެނެރޭޓް ކުރާނެއޭ ދެން ތަމެން ތިބެން ޖެހޭނީ ހަމަ ތެޅި ތެޅި ކުރެވޭނެ ކުރާނެ އެެއް ކަމެއް ވެސް ނޯންނާނެއޭ ރާޖަ ޕަކްސާ ކުރިއަށް ގެންދަންވީއޭ ކޭންވީ ބީ އީޗް އަދަރސް ކޮމްޕެނީ އޯއް ކޮމްޕެނީ އޯއް ކޮމްޕެނީ އޯއް ކޮމްޕެނީ ކޭންވީ ބީ ކޭންވީ ބީ އީޗް އަދަރސް ކޮމްޕެނީ...

  2. ޖޮއްބެ

    ކެކެކެކެ އިންޑިއާ ދެން އަތަށް ސީލާންވީނު......؟؟؟