އަވަށްޓެރި އިންޑިޔާއިން ބޭނުންވަނީ ރާއްޖެއަށް ޑިމޮކްރަސީ ގެންނާކަށް ނޫންކަމަށާއި އެޤައުމުން ބޭނުންވަނީ ރާއްޖެއިން، ޗައިނާގެ ބާރު ކަނޑުވާލަންކަމަށް އޮސްޓްރޭލިޔާގެ މަޝްހޫރު މީޑިޔާ، "އޭބީސީ" އިން ބުނެފިއެވެ.

އޭބީސީގައި އިއްޔެ ޝާޢިޢުކޮށްފައިވާ ލިޔުމެއްގައިވާގޮތުން، ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން، ބިޔަ ދެ ބާރުކަމުގައިވާ އިންޑިޔާ އާއި ޗައިނާވަނީ ހިމޭން ކޯޅުމަކަށް ގޮސްފައެވެ. އަދި، ދެ ޤައުމުންވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި، ދެ ޤައުމުގެ ބާރު ގަދަކުރުމަށްކަމަށެވެ.

ފެބުރުއަރީ އެއްވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެންމެ ފުރަތަމަ އެ ދެ ޤައުމުން އެކަމަކަށް މާ ބޮޑު ޝައުގުވެރިކަމެއް ނެތްކަމަށާއި އެކަމާ ގުޅިގެން ދެ ޤައުމުންވެސް ފުރަތަމަ ވާހަކަ ދައްކާފައިވަނީ ޑިޕްލޮމެޓިކް ރާގެއްކަމަށެވެ. އެހެންނަމަވެސް، ޙަޤީޤަތުގައި ދެ ޤައުމުންވެސް ފުރުޞަތުގެ ބޭނުންކޮށްގެން، ސްޓްރެޓެޖިކް ސަރަޙައްދެއްގައި އޮންނަ ޤައުމުގައި ބާރު ގަދަ ކުރަން ބޭނުންވާކަމަށް ބުނެފައިވެއެވެ.

މީގެއިތުރުންވެސް، އޭބީސީގައިވާ ލިޔުމުގައި ބުނެފައިވާގޮތުން، ރާއްޖެ އަކީ އަބަދުވެސް ނިއު ދިއްލީ (އިންޑިޔާ) ގެ ބާރު ފޯރާ ފަށުގައި އޮންނަ ޤައުމެއްކަމަށް ބުނެފައިވެއެވެ. އަދި، 1988 ވަނަ އަހަރު ތަމަޅަ ބާޣީންގެ ބަޔަކު ރާއްޖެއަށް ހަމަލާ ދިނުމުންވެސް، އެހީތެރިކަން ފޯރުކޮށްދީ ޤާނޫނީ ވެރިކަން ދަމަހައްޓަން އެހީވެދިނީ އިންޑިޔާއިންކަމަށް ބުނެފައިވެއެވެ. އަދި، ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ކަންކަން އޮތީ މިގޮތަށްކަމަށް ދޭހަވާ ގޮތަށް އެލިޔުމުގައި ބަޔާންކޮށްފައިވެއެވެ.

އެހެންނަމަވެސް، ބެއިޖިންގ (ޗައިނާ) ގެ ކޮޅަށް ރާއްޖެ "އެނބުރެން" ފަށާފައިވަނީ ރައީސް ޔާމީން ވެރިކަމަށް ހަވާލުވެވަޑައިގަތުމަށްފަހުކަމަށްވެސް ބުނެފައިވެއެވެ.

އިދިކޮޅު ލީޑަރުން ހައްޔަރުކޮށް، ސިޔާސީ ގޮތުން ނުތަނަވަސްވެގެން ދިޔަ ދަނޑިވަޅުގައިވެސް ޗައިނާއިން، ދެކިފައިވަނީ އެއީ ތަރައްޤީ ކުރުމަށް އޮތް މަގެއްގެ ގޮތުގައިކަމަށް އޭބީސީ ގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަލާމް

    އެހެންތަ؟

  2. މާމަ

    ނަޝީދު އާއި އިންޑިޔާ އުޅެނީ މިރާއްޖެ ދެކެ މާބޮޑަށް ހިތާވެގެން.