އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިންގެ ހަމަލާތަކުގައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދު ވެއްޖެއެވެ.

މިދިޔަ މާޗް މަހުން ފެށިގެން ޣައްޒާ އާއި އިސްރާއީލުގެ ސަރަހައްދީ ރޮނގު ގުޅޭ ސަރަހައްދުގައި ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާގައި މިދިޔަ ހުކުރު ދުވަހު އިސްރާއީލުގެ ސިފައިން ވަނީ ފަލަސްތީނުގެ ފަސް މީހުން ޝަހީދުކޮށްލާ 700 އަށް ވުރެން ގިނަ މީހުން ޒަހަމް ކޮށްލާފައެވެ.

ހުކުރު ދުވަހު ޝަހީދުވި ފަލަސްޠީނުގެ އާންމު ރައްޔިތުންގެ ތެރޭގައި ހިމެނެނީ 22 އަހަރާއި 27 އަހަރާއި ދެމެދުގެ ޒުވާނުންނެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްފައިވާއިރު 1948 ވަނަ އަހަރު އުފެދިގެން އައި އިސްރާއީލް ދައުލަތް ފެށުމާއެކު، މުސްލިމުންގެ ފުރަތަމަ ގިބްލަ ހުރި ބިން ކަމުގައިވާ ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ ލޭ، ކޮންމެ ދުވަހަކު ދަނީ އޮހޮރަމުންނެވެ.

މި ޖަރީމާތަަށް ކުށްވެރި ކުރުން ފިޔަވާ އިތުރު ކަމެއް އދ އިން ނުކުރެއެވެ. ދާދި ފަހުން ޣައްޒާގައި އިސްރާއީލުން ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 210 އަށް އަރާފައިވާއިރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޒަހަމްވި މީހުންގެ އަދަދު 20000 ވުރެން މައްޗަށް އަރައެވެ.

އެމެރިކާ އެމްބަސީ ގުދުސްގައި ހުޅުވި ދުވަސްކަމަށްވާ މެއިމަހުގެ 14 ވަނަ ދުވަހު އެކަނިވެސް އިސްރާއީލުން ފަލަސްތީނުގެ 65 މީހުން ޝަހީދު ކޮށްލާފައި ވެއެވެ. އަދި އެތައްހާސް އާންމުން ޒަޚަމްކޮށްލާފައި ވެއެވެ.

އިސްރާއީލުން ފަލަސްތީނުގެ އެތަށް ބަޔަކު ޝަހީދު ކުރަމުންދާއިރު ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ އަތުން އަތުލައިގަނެފައިވާ ބިންތަކުގައި އިސްރާއިލުން، އިސްރާއިލުގެ ރައްޔިތުން ވަޒަންވެރިކުރުވުމުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ.، އެ މައްސަކަތް ހުއްޓައިލުމަށް ގޮވާލާ ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުން މިދިޔަ 2016 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 23 ވަނަ ދުވަހުވެސް ވަނީ ފާސްކޮށްފައެވެ.