މަގާމުން ގެއްލިފައިވާ ލަންކާގެ ކުރީގެ ބޮޑު ވަޒީރު ރަނިލް ވިކްރަމް ސިންހަ މިއަދުގެ ނިޔަލަށް ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅު ދޫކޮށް ވަޑައިގެންނެވުމަށް މުހުލަތެއް ދިން ނަމަވެސް އެކަން ކުރެއްވުމަށް ދެކޮޅު ހައްދަވައިފިއެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ވިމާލް ވީރަވަންސަ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަނިލް އަށް ރަސްމީ ގެކޮޅު ދޫކޮށް ވަޑައިގެންނެވުމަށް ވަގުތު ދީފައިވަނީ މިއަދު ހެނދުނު އަށެއް ޖެހުމާ ހަމައަށެވެ. ނަމަވެސް މިހާތަނަށް ރަނިލް އެ އަށް އަމަލު ކުރައްވާފައެއް ނުވެއެވެ.

ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅު ދޫކޮށް ވަޑައިގެންނެވުމަށް ރަނިލްއަށް އިންޒާރު ދީފައިވާ އިރު ލަންކާގެ ރައީސް ސިރިސޭނަ ވަނީ ރަނިލްގެ ޕާޓީ އާއި އެކު އޭނާގެ ޕާޓީ އިން ހެދި ކޯލިޝަން އުވާލާ، ބޮޑުވަޒީރު ކަމަށް ކުރީގެ ރައީސް މަހިންދްރަ ރާޖަޕަކްސް އައްޔަން ކޮށްފައެވެ.

ރަނިލް ބޮޑުވަޒީރު ކަމުން ވަކިކުރި މައްސަލައިގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދިފައެވެ. ރަނިލް އާއި އޭނާގެ ސަޕޯޓަރުން ގަބޫލު ކުރާ ގޮތުގައި ރަނިލް ބޮޑުވަޒީރު ކަމުން ވަކިކުރެވޭނީ ޤާނޫނު ހަދާ މަޖިލީހުގައި އިތުރުބާރު ނެތް ކަމުގެ ވޯޓް ނަގައިގެން އިތުބާރު ނެތް ކަމަށް ފާސްވެއްޖެ ހާލަތެއްގައި އެކަންޏެވެ.

ލަންކާގެ ބޮޑުވަޒީރަކަށް ވާން ޖެހޭނީ ޤާނޫނު ހަދާ މަޖިލީހުގައި އަޣުލަބިއްޔަތު އޮތް މީހެއްކަމަށާއި އަދިވެސް މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ އޭނާގެ އަތުގައިކަމަށް، ބޮޑުވަޒީރުގެ މަޤާމުން ދުރުކުރެވުނު ރަނިލް ވިކްރަމަސިންހު ވަނީ ވިދާޅުވެފައެވެ.

ލަންކާގެ ބޮޑުވަޒީރުކަން، ރަނިލް އަށް ގެއްލުނީ ރައީސް ސިރިސޭނާގެ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް އިން ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީއާއެކު ހަދާފައިވާ ކޯލިޝަނުން ވަކިވުމާ ގުޅިގެންނެވެ.