ސްރީ ލަންކާގެ ބޮޑުވަޒީރުކަމުގެ މަޤާމުގައި ހުންނެވި ރަނިލް ވިކްސަރަމްސިންހު އެމަޤާމުން ދުރުކުރައްވާ، ބޮޑުވަޒީރުކަމުގެ މަޤާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރެއްވުމާއެކު އެޤައުމުގައި ވިއްކާ ކާބޯތަކެތީ އަގު ހެޔޮވެއްޖެއެވެ.

އެޤައުމަށް ސިޔާސީ ގޮތުން ބޮޑު ބަދަލެއް އައިސްފައިވާއިރު، އެކަމުގެ ސަބަބުން ކާބޯތަކެތީގެ ބާވަތްތަކުގެ އަގު ހެޔޮކުރަން ނިންމާފައިވަނީ ލަންކާގެ "އޯލް އައިލެންޑް ކެންޓީން އޮއުނާސް އެސޯސިއޭޝަން" (އޭއައިސީއޯއޭ) ގެ ފަރާތުންނެވެ.

އެ ޖަމިއްޔާގެ ފަރާތުން ލަންކާގެ މީޑިޔާތަކަށް މައުލޫމާތު ދިން ޖަމިއްޔާ ޗެއަރމަން އަސޭލާ ސަމްޕަތު ބުނެފައިވަނީ މެންދުރުގެ ކެއުމަށް ބޭނުންކުރާ ބައެއް ބާވަތްތަކުގެ އަގު، 10 ރުޕީސް ހެޔޮވާނޭކަމަށެވެ. ހަމައެހެންމެ، ސައިފަތުގެ ބައެއް ބާވަތްތަކުގެ އަގު، ފަސް ރުޕީސް އަގު ހެޔޮވާނޭކަމަށްވެސް ބުނެފައިވެއެވެ. މީގެއިތުރުންވެސް، ސަމްޕަތު ބުނެފައިވާ ގޮތުގައި އަގުތަކަށް މި ބަދަލުތައް ގެނެސް، ޢަމަލު ކުރަން ފަށާނީ 29 އޮކްޓޯވަރު (މާދަމާ) އިން ފެށިގެންނެވެ.

ރާޖަޕަކްސަ، ބޮޑުވަޒީރުކަމަށް އައްޔަން ކުރެއްވުމަށްފަހު

ލަންކާގެ މީޑިޔާތަކާ ވާހަކަ ދައްކަމުން އަސޭލާ އިތުރަށް ބުނެފައިވަނީ އަގުތައް ހެޔޮކުރަން ނިންމާފައިވަނީ ޤައުމުގައި އުންމީދީ މާހައުލެއް އުފެދިފައިވާތީ ކަމުގައެވެ. އަދި، ފާއިތުވި ތިން އަހަރު ދުވަހު ރައްޔިތުން އުޅުނީ ވަރަށް ހާލުގައިކަމަށްވެސް އޭނާ ބުނެފައިވެއެވެ.

"މިހާރު އުންމީދީ މާހައުލެއް އެބަ އޮތް. އަހަރެމެންނަށް ފުރިހަމަ ޔަޤީންކަން އެބަ އޮތް ރައީސް (ސިރިސޭނާ) ގެ ނިންމުންތަކާއި ބޮޑުވަޒީރު (ރާޖަޕަކްސަ) ގެ ތަޞައްވަރުގައި. މިދިޔަ ތިން އަހަރު ރައްޔިތުން އުޅުނީ ހާލުގައި. އެކަމަކު މިހާރު އުންމީދު އެބަ އޮތް." އަސޭލާ ބުނެފައިވެއެވެ.

އިތުރަށް ވާހަކަ ދައްކަމުން އަސޭލާ ބުނެފައިވަނީ ކާބޯތަކެތީގެ ބާވަތްތަކުން ނަގާ ޓެކްސް ކުޑަކުރަން އޭނާ އެދޭކަމުގައެވެ. އަދި، ބައެއް ބާވަތްތަކުގެ އަގު ކޮންޓްރޯލް ކުރަން ޖެހޭކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް އެތައް ފައިދާއެއް ކުރާނެކަމަށްވެސް އަސޭލާ ބުނެފައިވެއެވެ.

ބޮޑުވަޒީރުގެ މަޤާމަށް ރާޖަޕަކްސަ އައްޔަން ކުރައްވާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސެން

    ކުރިން އަނިޔާ، މިއަދު އުންމީދުގެ ހުޅުކޮޅު. މީހާ ބަދަލެއްނުވެ، ތަންބަދަލެއްނުވެ ބަދަލުވީ މީހާގެ އަނގަ.

  2. ާހެހެ

    މިމީހުން އަމިއްލަ އަށް އަގު މަތި ކޮށް އަގު ތިރިކޮށްފަ މިކިޔަނީ ހާލުގައި އުޅުނު ވާހަކަ.