އަވަށްޓެރި ސްރީ ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ، ރަނިލް ވިކްރަމްސިންހަގެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އެހެން މެންބަރަކު، އަލަށް ބޮޑުވަޒީރުކަމަށް އައްޔަން ކުރެއްވި މަހިންދަ ރާޖަޕަކްސަ އަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފިއެވެ.

ރާޖަޕަކްސަ އަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައިވަނީ ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ މެންބަރު ވަޑިވެލް ސުރޭޝް އެވެ. ސުރޭޝް އަކީ އެޤައުމުގެ މަޖިލީހުގައި ބަޑުއްލާ ޑިސްޓްރިކް ތަމްސީލު ކުރައްވާ މެންބަރެވެ.

މި މެންބަރަކީ ކުރީގެ ބޮޑުވަޒީރު، ރަނިލްގެ ޕާޓީގެ މެމްބަރުންގެ ތެރެއިން ރަސްމީކޮށް ރާޖަޕަކްސަ އާ ބައިއަތު ހިއްޕެވި ތިންވަނަ މެންބަރެވެ. މިހާތަނަށް ތިން މެންބަރުން ރަސްމީކޮށް މިކަން ހާމަކުރައްވާފައިވީނަމަވެސް، މި އަދަދު 20 އަށް އަރާނެކަމަށް ލަންކާގެ ނޫސް ރިޕޯޓުތައް ބުނެއެވެ. މީގެކުރިން ބައިއަތު ހިފާފައިވާ މެންބަރުންގެ ތެރޭގައި އެޤައުމުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރަކުވެސް ހިމެނިވަޑައިގަންނަވައެވެ.

ލަންކާގެ ބޮޑުވަޒީރުގެ މަޤާމަށް ރާޖަޕަކްސަ އައްޔަން ކުރައްވާފައިވަނީ، ރަނިލްގެ ޔޫއެންޕީ އާއިއެކު ރައީސް މައިތިރިޕާލާ ސިރިސޭނާގެ ޕާޓީ އިން ހައްދަވާފައިވާ ކޯލިޝަން ރޫޅާލެއްވުމަށްފަހުއެވެ. ކޯލިޝަން ރޫޅާލެއްވުމުގެ ކުރިންވެސް ރަނިލް އާއި ސިރިސޭނާއާ ދެމެދު ނުތަނަވަސްކަމެއް އުފެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު