ސްރީލަންކާގެ ބޮޑުވަޒީރު ކަމުން ދުރުކޮށްފައިވާ ރަނިލް ވިކްރަމަސިންހަ އަށް ތާއީދުކުރާ މިނިސްޓަރެއްގެ ހަށިފާރަވެރިޔަކު އާއްމުންގެ ގަޔަށް ބަޑި ޖަހައިފިއެވެ.

ލަންކާގެ ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރަ ވިދާޅުވީ އާއްމުންގެ ތެރެއަށް ބަޑި ޖަހާފައިވަނީ ލަންކާގެ ޕެޓްރޯލިއަމް މިނިސްޓަރު އަރްޖުނާ ރަނަޓުންގާގެ ހަށިފާރަވެރިޔާ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ވެރިރަށް ކޮލަމްބޯގައި ހުންނަ ސަރުކާރުގެ އިދާރާއަކަށް ރަނަޓުންގާ ވަންނަން ދިޔަ މަގުމަތީގައި ރައީސް ސިރިސޭނާ އަށް ތާއީދުކުރާ މީހުން އޭނާއަށް ހުރަސް އެޅުމުން ކަމަށް ވެއެވެ.

އެމީހުންގެ ތެރެއަށް ބަޑި ޖެހުމާ ގުޅިގެން އުމުރުން 34 އަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމަށާއި އަދި އިތުރު ދެ މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް ގުނަސޭކަރަ ވިދާޅުވިއެވެ.

ބަޑި ޖެހި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ލަންކާ ފުލުހުން މިހާރު އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ލަންކާގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާއިރު ރަނިލް ބޮޑުވަޒީރު ކަމުން ވަކިކުރި މައްސަލައިގައި ލަންކާގެ ރައްޔިތުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދިފައެވެ. ރަނިލް އާއި އޭނާގެ ސަޕޯޓަރުން ގަބޫލު ކުރާ ގޮތުގައި ރަނިލް ބޮޑުވަޒީރު ކަމުން ވަކިކުރެވޭނީ ޤާނޫނު ހަދާ މަޖިލީހުގައި އިތުރުބާރު ނެތް ކަމުގެ ވޯޓް ނަގައިގެން އިތުބާރު ނެތް ކަމަށް ފާސްވެއްޖެ ހާލަތެއްގައި އެކަންޏެވެ.

ލަންކާގެ ބޮޑުވަޒީރަކަށް ވާން ޖެހޭނީ ޤާނޫނު ހަދާ މަޖިލީހުގައި އަޣުލަބިއްޔަތު އޮތް މީހެއްކަމަށާއި އަދިވެސް މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ އޭނާގެ އަތުގައިކަމަށް، ބޮޑުވަޒީރުގެ މަޤާމުން ދުރުކުރެވުނު ރަނިލް ވަނީ ވިދާޅުވެފައެވެ.

ލަންކާގެ ބޮޑުވަޒީރުކަން، ރަނިލް އަށް ގެއްލުނީ ރައީސް ސިރިސޭނާގެ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް އިން ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީއާއެކު ހަދާފައިވާ ކޯލިޝަނުން ވަކިވުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޔު

    މީގެ 5 އަހަރު ކުރިން ސްރީލަންކާ ކުރި އަރަމުންއައި ސްޕީޑް ހަލުވި ކަމުން ދިވެހި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއިން ކަންބޮޑުވި ސަބަބަކީ ކޮބައިތޯ؟ ރައްޔިތުންނޭ ވިސްނާ ލަންކާގެ ޓުއަރިޒަމް %9 އިން %35 އިންސައްތައިގެ ކުރިއެރުމެއް އޭރުހޯދައިފައިވޭ އަދި ގައުމުގެ އުފެއްދުންތެރިކަމާއި ތަރައްޤީ ދިޔައީ މީސްމީޑިއާގެ ބަހުރުވައިންނަމަ ގޫގުލް ސްޕީޑްގައި މިކަމާ އަވައްޓެރި އިންޑިއާއޮތީ ކަޅިއަޅައަޅާ އޭރު އިންޑިއާއިން ޖެހި މަޅިއަކީ ޗައިނާގެ ބާރު ލަންކާގައި މާގަދަވެއްޖެއޭ ދެން ކަންތައްތައް ވަމުންދާގޮތް އެބަ ފެނޭނޫންތޯ ލަންކާގައި ޑޮލަރުގެ އަގު ދުވަހަކުވެސް ނުވެއްޓޭވަރަށް ވެއްޓިއްޖެ
    ދެވަނަ ސީޒަނަށް އޮތީ ރާއްޖެ ދިވެހިންނަށް ވިސްނޭނީކޮން އިރަކުންބާ؟؟؟