ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ވަކިކުރީ އޭނާ މަގާމުން ވަކިކުރުން ނޫން އިތުރު އެއްވެސް ގޮތެއް ނެތިގެން ކަމަށް ސްރީލަންކާގެ ރައީސް މަތިރިޕަލަ ސިރިސޭނަ ވިދާޅުވެއްޖެއެވެ.

ސިރިސޭނަ މިހެން ވިދާޅުުވީ ރަނިލް ބޮޑުވަޒީރު ކަމުން ވަކިކުރުމާއި، ކުރީގެ ރައީސް މަހިންދްރަ ރާޖަޕަކްސް ބޮޑުވަޒީރު ކަމަށް އައްޔަން ކުރުމާއި ގުޅިގެން ހިނގަމުންދާ ކަންތައްތަަކުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރެއްވުމަށް މިރޭ ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ސިރިސޭނަ ވިދާޅުވީ މީގެ ތިން އަހަރާއި ބައިގެ ކުރިން ފެށިގެން ވެސް އޭނާ އާއި ރަނިލްގެ ދެމެދުގައި ހުރި ތަފާތުތައް ދިޔައީ އިހްސާސް ކުރެވެމުންނެވެ. ނަމަވެސް ތަފާތުތައް އެހެން ހުރި ނަމަވެސް މަސައްކަތް ކުރެއްވީ ގުޅިގެން ރައްޔިތުންގެ އުއްމީދުތައް ފުއްދައި ދިނުމަށް ކަމަށް ސިރިސޭނަ ވިދާޅުވިއެވެ.

"ސަގާފީ ގޮތުންނާއި، ސިޔާސީ ގޮތުންނާއި، ވިސްނުމުގެ ގޮތުން ވެސް އަޅުގަނޑާއި ރަނިލްގެ ވިސްނުން ތަފާތު. ނަމަވެސް މަސައްކަތް ކުރީ އެކުގައި ރައްޔިތުންގެ އުއްމީދުތައް ފުރިހަމަ ކުރަން. ހިންގުންތެރި ގޮތައް ކަންކަން ކުރަން އަބަދުވެސް ވާނީ ރަނިލް އަށް ދަންނަވާފައި. އަޅުގަނޑު މަސައްކަތް ކޮށްފައި ވާނީ ކޮރަޕްޝަން ނެތް. ޖަވާބުދާރީ ކުރުވަނިވި، ވެރިކަމުގެ ނިޒާމެއް ގާއިމް ކުރަން. ނަމަވެސް އެފުރުސަތު ރަނިލް ނުދެއްވި." ސިރިސޭނަ ވިދާޅުވިއެވެ.

ސަރުކާރުގެ އިސްވެރިންގެ ކޮންމެ ބައްދަލުވުމެއްގައި ވެސް ރަނިލް މަސައްކަތް ކުރައްވާފައި ވަނީ ކަންތައްތައް ރަނގަޅަށް ނުކުރެވެނީ ސިރިސޭނަގެ ސަބަބުން ކަމަށް ދައްކަން ކަމަށާއި ނަމަވެސް ހަޤީޤަތުގައި ކަން ހިނގާފައި އޮތީ އެހެން ނޫން ކަމަށް ސިރިސޭނަ ވިދާޅުވިއެވެ.

"ސެންޓްރަލް ބޭންކްގައި ހިނގާ ދިޔަ ކަންތައްތަކާއި ގުޅިގެން އަޅުގަނޑު އެއް ދުވަހު ބޭންކަށް ގޮސް މުވައްޒަފުންނާއި ބައްދަލު ކުރިން. އަޅުގަނޑު އެނބުރި ގެއަށް ދިޔަ ތަނުން ރަނިލް ވަޑައިގެންނެވި އަޅުގަނޑާއި ބައްދަލު ކުރައްވަން. ވިދާޅުވީ ސެންޓްރަލް ބޭންކަކީ ތިމަންނަގެ ބެލުމުގެ ދަށުގައި ހުރި ތަނެކޭ. ކީއްކުރަންހޭ ސެންޓްރަލް ބޭންކަށް ދިޔައީ. އަޅުގަނޑު ދެންނެވިން އަޅުގަނޑަކީ މިގައުމުގެ ރައީސް އޭ. އަޅުގަނޑު ބޭނުން ތަނަކަށް ދެވޭނެ އޭ. އަދިވެސް އަޅުގަނޑު ސެންޓްރަލް ބޭންކަށް ދާނަމޭ. ދެން ފެނުނީ ސެންޓްރަލް ބޭންކްގެ ތަޙްޤީޤަށް ހުރަސް އަޅާ އެތަނުގައި ތިބި ރަނިލްގެ ސަޕޯޓަރުން ޗުއްޓީއަށް ދިޔަތަން." ސިރިސޭނަ ވިދާޅުވިއެވެ.

ސިރިސޭނަ ވިދާޅުވީ ރަނިލް މަގާމުން ދުރުކުރުމުގައި ވެސް އަދި ރާޖަޕަކްސް ބޮޑުވަޒީރު ކަމަށް އައްޔަން ކުރުމުގައި ވެސް ޤާނޫނާއި ހިލާފު އެއްވެސް ކަމެއް އޭނާ ކުރައްވާފައެއް ނުވާނެއެވެ. ހުރިހާ ފިޔަވަޅެއް ވެސް އަޅުއްވާފައި ވާނީ ޤާނޫނީ ވަކީލުންގެ ލަފައާއި އެއްގޮތައް، ޤާނޫނީ އިމުގެ ތެރެއިން ކަމަށް ސިރިސޭނަ ވިދާޅުވިއެވެ.

ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވީ ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް ކަމަށާއި އެމަސައްކަތުގައި އަބަދުވެސް ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ސިރިސޭނަ ވިދާޅުވިއެވެ.