ސްރީލަންކާ އަށް ދިމާވެފައިވާ ތަކެތީގެ އަގު ބޮޑުވުމާއި، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި، ދައުލަތުގެ މުދާ ބޭރުގެ ކުންފުނިތަކަށް ވިއްކުމާއި، ފައިސާގެ އަގު ވެއްޓުމުގެ މައްސަލަތައް ފަދަ ގައުމީ ހުރިހާ މައްސަލައަކަށް ހައްލެއް ގެނެސްދެއްވާ ރައްޔިތުން އެދޭ ކަންކަން ހާސިލް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ދެއްވައިފިއެވެ.

ރާޖަޕަކްސަ މިހެން ވިދާޅުވީ ބޮޑުވަޒީރު ކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން މިއަދު ފުރަތަމަ ފަހަރަށް ނެރުއްވި ބަޔާނުގައެވެ.

ރާޖަަޕަކްސަ ވިދާޅުވީ ގައުމީ މައްސަލަތައް ހައްލު ކުރުމަށް އޭނާ ހުރިހާ ރައްޔިތުންގެ އެހީ އާއި އެއްބާރުލުން ބޭނުން ވެއެވެ.

"އަޅުގަނޑު ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވަން ގައުމީ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް. ސިންހަޅީންނާއި، ތަމަޅައިން، މުސްލިމުންނާއި، ހިންދޫން އަދި ކްރިސްޓިއަނުންނަށް ވެސް ގައުމީ މަސައްކަތުގައި ބައިވެރިވުމަށް ދައުވަތު އަރުވަން." ރާޖަޕަކްސް ވިދާޅުވިއެވެ.

ރާޖަޕަކްސަ ވިދާޅުވީ ލަންކާ މިވަގުތު އޮތީ ވަރަށް ހައްސާސް ހާލަތެއްގައެވެ. ރައީސް އަވަހާރަކޮށްލަން ރޭވި މައްސަލައެއް ފެންމަތިވެފައި ވާއިރު ކުށް ކުރުމުގެ ރޭޓް އިންތިހާއަށް އިތުރުވެފައިވާ ކަމަށް ރާޖަޕަކްސަ ވިދާޅުވިއެވެ.

"ބޮޑެތި ކުށްތައް ކުރުން ވަނީ އިންތިހާއަށް އިތުރުވެފައި. އިޤުތިޞާދީ ހާލަތު ދަނީ ދުވަހަކަށް ވުރެ ދުވަހަކު ދަށަށް. ފައިސާގެ އަގު ދަނީ ކޮންމެ ދުވަހަކު ވެއްޓެމުން. ކްރެޑިޓް ރޭޓިން އެޖެންސީ ތަކުން ގެންދަނީ ގްރެޑިޓް ރޭޓިންތައް ދަށް ކުރަމުން. އަމިއްލަ މީހުންނާއި ބޭންކްތަކަށް ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓް ވަނީ އެތައް ގުނައެއް ބޮޑުކޮށްފައި. މިހުރިހާ މައްސަލައަކަށް ހައްލު ބޭނުންވޭ. އަޅުގަނޑު ކުރިމަތިލައިގެން މިހިރީ އެމައްސަލަތައް ހައްލު ކޮށްދިނުމުގެ މަސައްކަތާއި. މިމަސައްކަތް އަޅުގަނޑު ކާމިޔާބު ކުރާނަން." ރާޖަޕަކްސަ ވިދާޅުވިއެވެ.

ރާޖަޕަކްސަ ވިދާޅުވީ އޭނާ އެކުލަވާލާ ސަރުކާރު ވެގެން ދާނީ ވަގުތީ ސަރުކާރަކަށެވެ. މިހާރު ތަކުރާރުކޮށް ލަސްވެފައިވާ ޕްރޮވިންސްތަކުގެ އިންތިޚާބާއި، ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ވީއެންމެ އަވަހަކަށް ބާއްވާ ރައްޔިތުންނަށް ވޯޓު ދިނުމުގެ ޙައްޤު ހޯއްދަވައި ދެއްވަން ޖެހޭ ކަމަށް ރާޖަޕަކްސަ ވިދާޅުވިއެވެ.

ކުއްލި ގޮތަކަށް ލަންކާގެ ބޮޑުވަޒީރު ކަމަށް ރާޖަޕަކްސަ އައްޔަން ކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އޭނާ އެކުލަވާލި ސަރުކާރުގައި ހިމެނޭ ވަޒީރުން މާދަމާ މަގާމުގެ ހުވާ ކުރައްވާނެއެވެ.