ސްރީލަންކާގެ ރައީސް މަތިރިއްޕަލަ ސިރިސޭނަ ރައީސް ކަމުގެ މަގާމުން ދުރުކުމުގެ މަސައްކަތް ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން ފަށައިފިއެވެ.

ޔޫއެންޕީ އަށް ނިސްބަތްވާ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ރަންޖަން ރަމަނަޔަކަ ލަންކާގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިން ސިރިސޭނަ މަގާމުން ދުރުކުރުމުގެ މަސައްކަތް ޔޫއެންޕީ އިން މިހާރު ފަށާފައިވާ ކަމަށެވެ.

ޔޫއެންޕީ އިން މިހާރު ވަނީ ސަސްޕެންޑް ކޮށްފައި އޮތް ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ފެށުމަށް ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އަރިހުން އެދިވަޑައިގެންފައެވެ. ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ އަކީ ޔޫއެންޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ނަމަވެސް ރައީސް ޤާނޫނު ހަދާ މަޖިލިސް ސަސްޕެންޑް ކޮށްފައި ވަނިކޮށް ޖަލްސާތައް ފެށުމުގެ ބާރު ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އަށް ލިބިވަޑައިނުގަންނަވާ ކަމަށް ލަންކާގެ ޤާނޫނީ ވަކީލުން ވިދާޅުވެއެވެ.

ރަންޖަން ރަމަނަޔަކަ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޤާނޫނާއި ހިލާފަށް މިހާރު ހިންގަމުން ގެންދާ ކަންތައްތައް ހުއްޓުވޭނީ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ފެށިގެންނެވެ.

މިދިޔަ ހުކުރު ދުވަހާއި ހަމައަށް ޤާނޫނު ހަދާ މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކޮންޓްރޯލް ކުރަމުން ގެންދިޔައީ ޔޫއެންޕީ އިން ކަމަށް ވީނަމަވެސް ހުކުރު ދުވަހު ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް އައްޔަން ކުރި ހިސާބުން ޤާނޫނު ހަދާ މަޖިލީހުގެ ވިއްސަށް ވުރެ ގިނަ މެންބަރުން މިހާރު ވަނީ ރާޖަޕަކްސައަށް ތާއިދު ކުރައްވަން ނިންމަވާފައެވެ. އެހެންކަމުން މިހާރު ސިރިސޭނަ މަގާމުން ދުރުކުރުމަކީ ޔޫއެންޕީގެ މެންބަރުންނަށް އެކަނި ކުރެވޭނެ ކަމަކަށް ނުވާނެއެވެ.

ސިރިސޭނަ މަގާމުން ދުރުކުރަން މީގެ ކުރިން ވެސް ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ތިން ފަހަރެއްގެ މަތިން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އެމަސައްކަތް ކާމިޔާބު ވެފައެއް ނުވެއެވެ.