ސްރީލަންކާގެ ކޮލަމްބޯ ކައިރީގައި އޮންނަ އަވަށެއް ކަމަށްވާ ހަންވެލާގައި ހިންގި މާރާމާރީއެއްގައި ދެ ޒުވާނަކު މަރާލައިފިއެވެ.

ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިމާރާމާރީ ހިންގާފައީ ވަނީ ދެގްރޫޕެއްގެ ދެމެދުގައެވެ. މިއަދު އިރުއޮއްސި 18:00 ހާއިރު މާރާމާރީ ހިންގާފައި ވަނީ ހަންވެލާގައި އޮންނަ ކުޅިވަރު ކުޅޭ ސަރަހައްދެއްގައެވެ. މާރާމާރީގައި މަރުވި އެކަކީ 22 އަހަރުގެ ޒުވާނެކެވެ. ދެވަނަ މީހާގެ އުމުރު އަދި ސާފެއް ނުވެއެވެ.

ފުލުހުން ބުނީ މާރާމާރީގައި މަރުވި ދެ ޒުވާނުންނަކީ ވެސް ހަންވެލާ އަށް ނިސްބަތްވާ ދެޒުވާނުން ކަމަށެވެ.

މިމައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ މައްސަލައިގެ ތަޙްޤީޤަށް މީހަކު ހައްޔަރު ނުކުރި ނަމަވެސް ތަޙްޤީޤަށް ބޭނުންވާ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ. މައްސަލައިގައި ބައިވެރިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ލަންކާގައި ފަހަކަށް އައިސް ވަނީ ގްރޫޕް މާރާމާރީތައް އިތުރުވެފައެވެ. މާރާމާރީތައް އިތުރުވި ނަމަވެސް ފުލުހުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

މިއަދު މާރާމާރީ ހިންގި ސަރަހައްދަކީ ވެރިކަން ކުރާ ކޮލަމްބޯ އާއި ތިރީހަކަށް ކިލޯ މީޓަރު ދުރުގައި އޮންނަ ސަރަހައްދެކެވެ.

ލަންކާގައި މާރާމާރީތަކާއި ކުށްކުރުން އިތުރު ވަމުން އަންނާތީ ލަންކާގެ އާ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މިއަދު ވަނީ އެކަމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ރާޖަޕަކްސަ ވިދާޅުވީ މާރާމާރީތަކާއި ކުށް ކުރުން މަދުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން އޭނާ ވަނީ ނިންމަވާފައެވެ. ނަމަވެސް އެކަމުގެ ތަފްސީލްތައް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރައީސް ޔާމީނު

    ކޮލޮމްބޯ ގަ މީހުން މަރުވޭ ކޮންމެ ދުވަހަކު އަހަރެމެންނަށް ކޮންކަމެއް

  2. ނައިބު ރައީސް

    ތިހެން ބުނާކަށް ހެޔޮނުވާނެ އެވެ. މީހުން މަރުވުމާ، މީހުން މެރުމަކީ ތަފާތު ދެކަމެކެވެ. ކޮންމެ ޤައުމަކު ވިޔަސް ތަޅާފޮޅާ، މީހުން މަރާނަމަ އެއީ ހިތާމަހުރި ކަމެކެވެ. އިންސާނިއްޔަތުކަން އެއްކިބާކޮށް "އަހަރުމެންނަށް ކީއްހޭ" ބުނާކަށް ނުވާނެއެވެ.

  3. އިބިލީސް

    އަޅުގަނޑަށް ހިނިއަންނަނީ ކިޔުންތެރިންގެ ހިޔާލު ތެރޭ ރައީސް ޔާމީނު އާ ނައިބު ރައީސް ކޯޅޭތީވެ