އިންޑޮނޭޝިއާގެ ޖަކާޓާ އިން ފުރައިގެން މިއަދު ހެނދުނު ސްމަޓްރާ އަށް ދަތުރު ކުރަމުން ދިޔަ ފްލައިޓެއް ސްމަޓްރާ ކައިރިން ކަނޑަށް ވެއްޓިއްޖެއެވެ.

އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވީ ފްލައިޓް ވެއްޓުނު އިރު 189 މީހުން ފްލައިޓްގައި ތިބި ކަމަށެވެ.

ރެސްކިއު އެޖެންސީގެ ތަރުޖަމާން ޔޫސުފް ލަތީފް ވަނީ ފްލައިޓް ވެއްޓުނު ކަން ރޮއިޓާސް އަށް ފޮނުވި އެސްއެމްއެސް އެއްގައި ކަށަވަރު ކޮށްދީފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފްލައިޓާއި ކޮންޓްރޯލް ޓަވަރުގެ ގުޅުން ކެނޑުނީ ހެނދުނު 06:30 ހާއިރު އެވެ. އެއީ ފްލައިޓް ޖަކާޓާ އިން އުދުއްސާލިތާ 13 މިނެޓް ފަހުންނެވެ. ވެއްޓިފައި ވަނީ ބޮއިން-737 މެކްސް-8 މަރުކާގެ ފްލައިޓެކެވެ. މިއީ 2017 ވަނަ އަހަރު ބޭނުން ކުރަން ފެށި މިމޮޑެލްގެ ފްލައިޓެއް ވެއްޓުނު ފުރަތަމަ ފަހަރެވެ.

ފްލައިޓުން ދަތުރު ކުރި އެއްވެސް މީހަކު ސަލާމަތް ވެފައި ވާނެ ކަމަކަށް ނުބެލެވެއެވެ.

ފްލައިޓް ވެއްޓުނު އިރު ފްލައިޓްގައި ތިބީ 181 ފަސެންޖަރުންނާއި އަށް ކްރޫ އިން ކަމަށް އަލްޖަޒީރާ އިން ބުނެއެވެ. ފަސެންޖަރުންގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެއެވެ.

ފްލައިޓް ވެއްޓުނު ސަރަހައްދުން ފްލައިޓްގެ ބައިތަކާއި ފަސެންޖަރުންގެ ބައެއް ތަކެތި ފެންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ލަޔަން އެއާ އަކީ އިންޑޮނޭޝިއާގައި އެންމެ ފަހުން އުފެއްދި އެއާލައިނެވެ. ލަޔަން އިން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އިންޑޮނޭޝިއާގެ ޑޮމެސްޓިކް މާކެޓްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.