ޗައިނާގެ އަމިއްލަ ކުންފުނިއަކުން ޖައްވަށް ފޮނުވާލަން މަސައްކަތް ކުރި ރޮކެޓެއް ވައިގެ ތެރޭގައި ގޮވައިފިއެވެ.

ޒޫކިޔު 1 ނަމަކަށް ކިޔާ 14 މިލިއަން ޑޮލަރުގެ މި ރޮކެޓް ޖައްވުގެ ތެރޭގައި ގޮވާފައިވަނީ ލޯންޗް ކުރިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ. ޗައިނާގެ ލޭންޑް ސްކޭޕް ކުންފުނިން މި ރޮކެޓް އުފައްދާފައިވަނީ ސެޓެލައިޓް ތަކެއް ދުނިޔޭގެ އޯބިޓަށް ގެންދިއުމަށެވެ.

މި ހާދިސާ އާއި ގުޅިގެން އެ ކުންފުނިން ބުނެފައިވަނީ ރޮކެޓް ލޯންޗް ވުމަކީވެސް ބޮޑު ކުރިއެރުމެއް ކަމަށާއި މި މައްސަކަތް ނާކާމިޔާބު ވިނަމަވެސް އަދިވެސް ކާމިޔާބާއި ހަމައަށް ވާސިލް ވާނެ ކަމަށެވެ.

ދުނިޔޭގެ ބާރުތަކާއި ވާދަ ކުރުމަށް އަދި ސްޕޭސް ޓެކްނޮލޮޖީގެ ގޮތުން ކުރިއެރުން ހޯދުމަށް ޗައިނާއިން އަންނަނީ އަބަދުވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން މަގުތައް އަލިކުރުމަށް ކުރާ ހަރަދު ކުޑަކުރުމަށް ޓަކައި އާޓިފިޝަލް ހަނދެއް އުފައްދައި ޖައްވަށް ފޮނުވަން ޗައިނާއިން މިހާރު ވަނީ އަމާޒު ހިފާފައެވެ.

ދުނިޔޭގެ ތިންވަނަ އަށް އެންމެ ބާރުގަދަ ގައުމު ކަމަށް ބުނާ ޗައިނާއިން ކޮންމެ އަހަރަކު ޖައްވީ ޕްރޮގްރާމަށް 2.2 ބިލިއަން ޑޮލަރު ޚަރަދުކުރެ އެވެ. ޗައިނާ އިން ވަނީ ޖައްވަށް 181 ސެޓެލައިޓް ފޮނުވައިފަ އެވެ. މިހާތަނަށް ވަނީ ޗައިނާގެ 11 އޮސްޓްރޮނޯޓުން ނުވަތަ ޗައިނާ މީހުން ކިޔާ ގޮތުން ޓައިކޮނޯޓުން ޖައްވަށް ފޮނުވައިފަ އެވެ.

ޗައިނާގެ ޖައްވީ ޕްރޮގްރާމުގެ ދަށުން މި އަހަރު 20 ސްޕޭސް މިޝަން ލޯންޗު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.ޗައިނާ އިން 2013 ވަނަ އަހަރު ވަނީ މީހަކު ނެތި ޖައްވީ އުޅަނދެއް ހަނދަށް ފޮނުވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު