އެމެރިކާގެ ޕިޓްސްބާގްގައި ހިންގި ބަޑި ޖެހުމުގެ ހާދިސާގައި މަރުވި ޔަހޫދީންގެ އާއިލާތަކަށް އެހީވުމަށް އެމެރިކާގެ މުސްލިމުން ދެދުވަސް ތެރޭގައި އެއްލައްކަ އެމެރިކާ ޑޮލަރު (15 ލައްކަ ދިވެހި ރުފިޔާ) އެއް ކޮށްފިއެވެ.

އެމެރިކާގެ ޕިޓްސްބާގްގައި އަޅުކަން ކުރަން ތިބި ޔަހޫދީންތަކެއްގެ ގަޔަށް ބަޑި ޖަހާ އިއްޔެ ރޭ ވަނީ 11 މީހުން މަރާލާ 6 މީހަކު ޒަހަމް ކޮށްލާފައެވެ.

މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އާއިލާތަކަށް އެހީވުމަށް މުސްލިމުން ކެމްޕޭނެއް ފެށީ މަރުވި މީހުންގެ ޖަނާޒާއަށާއި، ޒަހަމްވި މީހުން ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ހަމަ ކުރުމަށެވެ. ފަންޑް ހުޅުވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ފަންޑަށް އެހީތެރިވެދީފައެވެ.

ފަންޑް ހުޅުވި މީހުން ފުރަތަމަ މަސައްކަތް ކުރީ 11 ދުވަހުން 25000 ޑޮލަރު އެއް ކުރާށެވެ. ނަމަވެސް ފަންޑް ހުޅުވިތާ ހަގަޑިއިރުގެ ތެރޭގައި ވަނީ 50000 ޑޮލަރު ލިބިފައެވެ. ފަންޑަށް ލިބުނު ފައިސާގެ އަދަދު މިހާރު ވަނީ 106000 ޑޮލަރަށް އަރާފައެވެ. އަދި ނުވަ ދުވަސް ވަންދެން ފަންޑަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

ޔަހޫދީންނަށް އެހީތެރިވުމަށް މުސްލިމުން މިފަދަ ކެމްޕޭނެއް ކުރިއަށް ގެންދާތީ ވަރަށް ގިނަ ބައެއްގެ ތާއީދު ވަނީ އެކަމަށް ލިބިފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ގެންދަނީ މުސްލިމުންނަށް ޝުކުރު އަދާކުރަމުންނެވެ.

އަޅުކަން ކުރަން ތިބި މީހުންގެ ގަޔަށް ބަޑި ޖެހި މީހާ ހައްޔަރު ކޮށް މިހާރު ވަނީ 29 ދައުވާއެއް އޭނާގެ މައްޗަށް އުފުލާފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ މައްޗަށް މަރުގެ ޙުކުމް އައުން އެކަށީގެންވެއެވެ.