ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓްގެ ތެރޭގައި މަރާލި ޖަމާލް ޚަޝޯގީގެ މަރުގެ ތަޙްޤީޤަށް ބޭނުންވާ އިތުރު ހެކި ހޯދަން ތުރުކީ ފުލުހުންނާއި ތުރުކީގެ ޕްރޮސެކިއުޓަރުން އަދި ސައުދީ އަރަބިއްޔާގެ އޮފިޝަލުން ވެސް ހިމެނޭ ގޮތައް ގުޅިފައިވާ ތަޙްޤީޤު ޓީމެއް އަނެއްކާވެސް ކޮންސިއުލޭޓަށް ވަނުމަށް ތައްޔާރު ވަމުން އެބަދެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ތުރުކީގެ ތަޙްޤީޤު ޓީމުން އަނެއްކާވެސް ކޮންސިއުލޭޓަށް ވަންނަން ބޭނުން ވަނީ ކޮންސިއުލޭޓް ފާސްކުރަން ފުރަތަމަ ވަން ދުވަހު ހުއްދަ ނުލިބިގެން ފާސް ނުކުރެވުނު ތިން ކޮޓަރިއެއް ފާސް ކުރުމަށާއި ކޮންސިއުލޭޓްގެ ގޯތި ތެރެ ކޮނެގެން ޝައްކު ކުރެވޭ ކަންކަން އިތުރަށް ބެލުމަށެވެ.

ކޮންސިއުލޭޓަށް ފުރަތަމަ ތުރުކީގެ ތަޙްޤީޤު ޓީމު ވަން ދުވަހު ފާސް ނުކުރެވުނު ތަންތަން ފާސް ކުރުމުގެ ހުއްދަ މިހާރު ސައުދީ އަރަބިއްޔާ އިން ވަނީ ތުރުކީ އަށް ދީފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޚަޝޯގީގެ މަރުގެ ތަޙްޤީޤު ކުރިއަށްދާ ގޮތުގެ މައުލޫމާތު އޮޅުން ފިލުވުމަށް ތުރުކީ ވިލާތައް ވަޑައިގެން އުޅުއްވާ ސައުދީ އަރަބިއްޔާގެ އެންމެ އިސް ޕްރޮސެކިއުޓަރ ސައުދު އަލް-މުޖީބް މިއަދު އިސްތަންބޫލްގެ ޗީފް ޕަބްލިކް ޕްރޮސެކިއުޓަރ އިރުފާން ފިދާން އާއި ބައްދަލު ކުރައްވާނެއެވެ. މިބައްދަލު ކުރެއްވުމުގައި ތުރުކީގެ ތަޙްޤީޤު ޓީމަށް ލިބިފައި ހުރި މައުލޫމާތުތައް ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ކޮންސިއުލޭޓްގައި މަސައްކަތް ކުރާ 45 މުވައްޒަފަކާއި އިންޓަވިއު ކުރުމުގެ ހުއްދަ ހޯދަން މިއަދު ތުރުކީ އިން ސައުދީ އަރަބިއްޔާ އާއި މަޝްވަރާ ކުރާނެއެވެ.

ޚަޝޯގީ މަރާލުމުގައި ބައިވެރިވި މީހުންގެ ޝަރީޢަތް ތުރުކީގައި ހިންގަން އެގައުމުން ބޭނުންވި ނަމަވެސް ސައުދީ އަރަބިއްޔާ އިން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. ސައުދީ އަރަބިއްޔާ އިން ބުނާ ގޮތުގައި އެކަމުގައި ބައިވެރިވީ ސައުދީ އަރަބިއްޔާގެ ރައްޔިތުން ކަމަށް ވާއިރު އަދި އެމީހުން މިހާރު ތިބީ ސައުދީ އަރަބިއްޔާގައި ހައްޔަރު ކުރެވިފައި ކަމަށް ވާއިރު އެމީހުންގެ ޝަރީޢަތް ކުރިއަށް ގެންދަން އެމީހުން ތުރުކީ އާއި ހަވާލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.