ބޮން ގޮއްވަން އުޅުނު ކަމަަށް ބުނެ އިސްރާއީލުން ގައްޒާ އަށް ވައިގެ މަގުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ތިން ކުއްޖަކު ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލުން ދިން ހަމަލާގައި ޝަހީދުކޮށްލާފައިވަނީ އުމުރުން 12 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންނެވެ. އިސްރާއީލުން އެ ކުދިންނަށް ހަމަލާދީފައިވަނީ ގައްޒާ އާއި އިސްރާއީލު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ހުރި ފެންސް ކައިރިންނެވެ.

އިސްރާއީލުގެ އަނިޔާވެރިކަން ދިފާއު ކުރަމުން އެގައުމުން ބުނި ގޮތުގައި އެގައުމުގެ ވައިގެ ސިފައިން އެ ކުދިންނަށް ހަމަލާދިނީ ސެކިއުރިޓީ ފެންސް ކައިރިއަށް ގޮސް ފެންސްގައި ބޮން ހަރުކުރުމަށް މަސައްކަތް ކުރުމުންނެވެ.

އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިންގެ ހަމަލާތަކުގައި ކުޑަކުދިންތަކެއް ޝަހީދު ކޮއްލާފައި މިވަނީ މިދިޔަ ހުކުރު ދުވަހު ފަލަސްތީނުގެ ރައްޔިތުން ކުރި މުޒާހަރާ އަށް ހަމަލާދީ ފަލަސްތީނުގެ ފަސް މީހަކު ޝަހީދު ކޮށްލާފައިވަނިކޮށެވެ.

ހުކުރު ދުވަހު ޝަހީދުވި ފަލަސްޠީނުގެ އާންމު ރައްޔިތުންގެ ތެރޭގައި ހިމެނެނީ 22 އަހަރާއި 27 އަހަރާއި ދެމެދުގެ ޒުވާނުންނެވެ.

ޣައްޒާގައި އިސްރާއީލުން ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 214 އަށް އަރާފައިވާއިރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޒަހަމްވި މީހުންގެ އަދަދު 20000 ވުރެން މައްޗަށް އަރައެވެ.

އެމެރިކާ އެމްބަސީ ގުދުސްގައި ހުޅުވި ދުވަސްކަމަށްވާ މެއިމަހުގެ 14 ވަނަ ދުވަހު އެކަނިވެސް އިސްރާއީލުން ފަލަސްތީނުގެ 65 މީހުން ޝަހީދު ކޮށްލާފައި ވެއެވެ. އަދި އެތައްހާސް އާންމުން ޒަޚަމްކޮށްލާފައި ވެއެވެ.

އިސްރާއީލުން ފަލަސްތީނުގެ އެތަށް ބަޔަކު ޝަހީދު ކުރަމުންދާއިރު ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ އަތުން އަތުލައިގަނެފައިވާ ބިންތަކުގައި އިސްރާއިލުން، އިސްރާއިލުގެ ރައްޔިތުން ވަޒަންވެރިކުރުވުމުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ.، އެ މައްސަކަތް ހުއްޓައިލުމަށް ގޮވާލާ ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުން މިދިޔަ 2016 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 23 ވަނަ ދުވަހުވެސް ވަނީ ފާސްކޮށްފައެވެ.