އަވަށްޓެރި ސްރީ ލަންލާގެ ބޮޑުވަޒީރުކަމުން ދުރުކޮށްފައިވާ ރަނިލް ވިކްރަމަސިންހަގެ ސެކިއުރިޓީގެ ފެންވަރު ދަށްކޮށް، އޭނާގެ ރައްކާތެރިކަމަށްޓަކައި ހަރަކާތްތެރިވާ ހަށިފާރަވެރިންގެ އަދަދު މަދުކޮށްފިއެވެ.

އެޤައުމުގެ ނޫސް ރިޕޯޓުތައް ބުނެފައިވާ ގޮތުގައި، ކުރިން ރަނިލްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 1008 ފަރާތުން ހަރަކާތްތެރިވެއެވެ. އެހެންނަމަވެސް، މަޤާމުން ވަކިވުމާއެކު، އެ އަދަދުވަނީ އެންމެ 10 އަށް މަދުކޮށްފައެވެ.

މިކަމާ ގުޅިގެން ސްރީ ލަންކާގެ ފުލުހުންގެ ތަރުޖަމާނު، ރުވަން ގުނަސެކަރަ ބުނެފައިވަނީ ރަނިލްގެ ސެކިއުރިޓީންގެ އަދަދު މަދުކޮށްފައިވީ ކަމުގައިވިޔަސް، އޭނާގެ ސަލާމަތީ ކަންކަމުގެ ފެންވަރު އެއްވެސް މިންވަރަށް ދަށް ނުވާނެކަމުގައެވެ.

ލަންކާގެ ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި، 10 ހަށިފާރަވެރިން ނުވަތަ ސެކިއުރިޓީން ހަމަޖައްސާފައިވާއިރު، އޭގެ ތެރޭގައި ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) ގެ އެއްވެސް އޮފިސަރަކު ނުހިމެނޭނެއެވެ. އަދި، އޭގެ ތެރޭގައި ހިމެނޭނީ ހަމައެކަނި މިނިސްޓީރިއަލް ސެކިއުރިޓީ ޑިވިޜަނުގެ އޮފިސަރުންނެވެ.

މީގެއިތުރުންވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި، 1008 އޮފިސަރުންގެ އަދަދު 10 އޮފިސަރުންނަށް މަދުކުރަން، ޕްރައިމް މިނިސްޓީރިއަލް ސެކިއުރިޓީ ޑިވިޜަނުގެ ވެރިޔާ، ޖަޔަންތާ ވިކްރަމަސިންހަ އަށް، އެޤައުމުގެ ފުލުހުންގެ އިންސްޕެކްޓަރ ޖެނެރަލް އަންގަވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ޕާޓީއާއެކު ރަނިލްގެ ޕާޓީން ހަދާފައިވާ ކޯލިޝަން ރޫޅާލުމަށްފަހު ބޮޑުވަޒީރުކަމުގެ މަޤާމުން ރަނިލް ދުރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ހަމަ އެދުވަހު، ބޮޑުވަޒީރުކަމުގެ މަޤާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ވަނީ އައްޔަން ކުރައްވާފައެޗެ.

މިކަންތައްތަކާ ގުޅިގެން ލަންކާގެ ސިޔާސީ މަޝްރަހުވަނީ ހަލަބޮލިވެފައެވެ. އަދި، ރަނިލް އަކީ ޤައުމުގެ ބޮޑުވަޒީރު ނޫންކަމަށް ޤަބޫލުކުރަން އޭނާ ދެކޮޅު ހަދާފައިވެއެވެ. ހަމައެހެންމެ، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުން ނުނިކުންނަން އޭނާ މަސައްކަތް ކޮށްފައިވާކަމަށްވެސް ވެއެވެ.