އިންޑޮނޭޝިއާގެ ޖަކާޓާ އިން ފުރައިގެން މިއަދު ހެނދުނު ސްމަޓްރާ އަށް ދަތުރު ކުރަމުން ދަނިކޮށް ބޯޓުގައި މީގެ ކުރިން ޓެކްނިކަލް މައްސަލައެއް ޖެހުނު ކަމަށް އެ އެއާލައިންގެ ސީއީއޯ ވިދާޅުވެއްޖެ އެވެ.

ލަޔަން އެއާގެ ސީއީއޯ ވިދާޅުވީ އެބޯޓުގައި މީގެ ކުރިން މައްސަލައެއް ޖެހުނީ ބާލީން ޖަކާޓާއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އަދި އެމައްސަލަ ވަނީ ފަހުން ހައްލު ކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ބޯޓު ވަނީ ކުރިން އިންޑޮނޭޝިޔާގެ ބާލީގެ ޑެންޕަސާރުން ޖަކާޓާގެ ސެންގްކަރަންގަށް ދަތުރުކޮށްފައި ކަމަށާއި އެ ދަތުރުގައި ބޯޓުގައި ޓެކްނިކަލް މައްސަލައެއް ޖެހުނު ކަމަށެވެ. ނަމަވެސް ބޯޓުގައި ޖެހުނު މައްސަލައާ ބެހޭ އިތުރު ތަފްސީލެއް ސިރައިތު ނުދެއްވަ އެވެ.

އިންޑޮނޭޝިއާގެ ޖަކާޓާ އިން ފުރައިގެން މިއަދު ހެނދުނު ސްމަޓްރާ އަށް ދަތުރު ކުރި އެއާ ލަޔަން ގެ ފްލައިޓުގައި 189 މީހުން ދަތުރުކުރިއިރު މި ހާދިސާގައި އެއްވެސް މީހަކު ސަލާމަތްވެފައި ނުވާ ކަމަށް އިންޑޮނީޝިޔާގެ ނޭޝަނަލް ސާޗް އެންޑް ރެސްކިއު އެޖެންސީގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފައެވެ. ފްލައިޓުގައި ތިބި ފަސެންޖަރުންގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެއެވެ.

މި ފްލައިޓު ވެއްޓެން ދިމާވި ސަބަބެއް އަދި އެނގިފައިނުވާއިރު، އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯ ވަނީ އެގައުމުގެ ކަމަބެހޭ ފަރާތްތަކަށް މި ހާދިސާގެ ތަހުގީގު ވަގުތުން ފެށުމަށް އަމުރު ކުރައްވާފައެވެ.ފްލައިޓް ވެއްޓުނު ސަރަހައްދުން ފްލައިޓްގެ ބައިތަކާއި ފަސެންޖަރުންގެ ބައެއް ތަކެތި ފެންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފްލައިޓާއި ކޮންޓްރޯލް ޓަވަރުގެ ގުޅުން ކެނޑުނީ ހެނދުނު 06:30 ހާއިރު އެވެ. އެއީ ފްލައިޓް ޖަކާޓާ އިން އުދުއްސާލިތާ 13 މިނެޓް ފަހުންނެވެ. ވެއްޓިފައި ވަނީ ބޮއިން-737 މެކްސް-8 މަރުކާގެ ފްލައިޓެކެވެ. މިއީ 2017 ވަނަ އަހަރު ބޭނުން ކުރަން ފެށި މިމޮޑެލްގެ ފްލައިޓެއް ވެއްޓުނު ފުރަތަމަ ފަހަރެވެ.

ލަޔަން އެއާ އަކީ އިންޑޮނޭޝިއާގައި އެންމެ ފަހުން އުފެއްދި އެއާލައިނެވެ. ލަޔަން އިން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އިންޑޮނޭޝިއާގެ ޑޮމެސްޓިކް މާކެޓްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.