ރާއްޖޭގައި އަލަށް ޑޮމެސްޓިކް ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ އެއާލައިން ކަމަށްވާ މަންތާ އެއާއިން އަންނަ ޑިސެންބަރު މަހު ދަތުރުތައް ފަށަން ތައްޔާރުވާން ފަށައިފިއެވެ.

އަންނަ ޑިސެންބަރު މަސް ތެރޭގައި އެ އެއާލައިނުން ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނައިރު، އެ އެއާލައިނުން މިހާރު ވަނީ އޭޓީއާރްގެ 600-72 ގެ ދެ މަތިންދާ ބޯޓު ގަނެފައެވެ. އަދި އަންނަ މަހުގެ 12 ވަނަ ދުވަހު އެއް މަތިންދާ ބޯޓު މާލެ ގެންނާނެއެވެ. އަދި ދެވަނަ ބޯޓު މި އަހަރު ނިމުމުގެ ކުރިން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އެލާއިނުން ބުންޏެވެ.

މަންތާ އިން ރާއްޖޭގެ ތިން އެއާޕޯޓަކަށް ދަތުރު ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ވެލާނާ އެއާޕޯޓުން ދ.ބ.ތ ގައި ހުންނަ ޑޮމެސްޓިކް އެއާޕޯޓްތައް އެ އެއާލައިނުން ދަތުރު ކުރާނެއެވެ.

އަދި އެ އެއާލައިނުން ނިންމާފައި ވަނީ ސީޕްލޭން ދަތުރުތައްވެސް ވަރަށް އަވަހަށް ފަށާ ގޮތަށެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން ދ.އަތޮޅު، ރ.އަތޮޅު، ބ.އަތޮޅު އަދި ތ.އަތޮޅުގެ ރިސޯޓްތަކަށް މަންޓާ އެއާ އިން ފަތުރުވެރިން އުފުލާ ގޮތަށް ވަނީ ނިންމާފައެވެ.

އެ އެއާލައިނުން ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނައިރު، މީގެ ކުރިން އެ އެއާލައިނުން ވަނީ ކެބިން ކްރޫންނާއި، ޕައިލެޓުންވެސް ހޯދަން އިއުލާނުކޮށްފައެވެ.