ސްރީލަންކާގައި މިހާރު ހިނގަމުންދާ ކަންކަމާއި، ސިޔާސީ މަސްރަހާއި ގުޅޭ ގޮތުން ރައީސް މަތިރިއްޕަލަ ސިރިސޭނަ ރޭ ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ހުރީ ކުޑަ ކުއްޖަކު ވެސް ގަބޫލު ނުކުރާ ވަރުގެ ދޮގު، ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށް ބޮޑުވަޒީރު ކަމުގެ މަގާމުން ދުރުކޮށްފައިވާ ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ރަނިލް މިހެން ވިދާޅުވީ ސިރިސޭނަ އަށް ރައްދުދެއްވާ ނެރުއްވި ބަޔާނެއްގައެވެ.

ރަނިލް ވިދާޅުވީ އޭނާ އާއި އަދި އިދިކޮޅު ސިޔާސީ ހުރިހާ ފަރާތްތައް ގުޅިގެން ސިރިސޭނަ 2015 ވަނަ އަހަރު ވެރިކަމަށް ގެނައީ ކޮރަޕްޝަނާއި، އޮޅުވާލުމާއި، ދެކޮޅު ހެދުމަށެވެ. ގައުމަށް އިޤުތިޞާދީ ކުރިއެރުން ހޯދައި ދިނުމަށެވެ. ފާއިތުވި ދުވަސްތަކުގައި ޑިމޮކްރަސީގެ އުސޫލުތައް އާލާކޮށް އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދީ، ނޫސްވެރިކަމުގެ މިނިވަންކަން އަނބުރައި ހޯދައި ދެވުނު ކަމަށް ރަނިލް ވިދާޅުވިއެވެ.

"މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްދެވިއްޖެ. ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށް ގެންދެވި އިޤުތިޞާދީ ކުރިއެރުންތަކެއް ހޯދައި ދެވިއްޖެ. މީޑިއާގެ މިނިވަންކަން ހޯދައި ދެވިއްޖެ. ވަކި ރައްޔިތަކަށް ތަފާތު ކުރުމެއް ނެތި ޙައްޤުތައް ހޯދައި ދެވިއްޖެ." ރަނިލްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ރަނިލް ވިދާޅުވީ ސިރިސޭނަ ގައުމާއި މުހާތަބު ކުރައްވަމުން އޭނާ އާއި ކެބިނެޓްގެ މައްޗަށް ކުރި ހުރިހާ ތުހުމަތަކަކީ އެއްވެސް ހަޤީޤަތެއް ނެތް ތުހުމަތު ތަކެކެވެ. އަދި އޭނާ މަގާމުން ދުރުކޮށް ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް އައްޔަން ކުރުމުގައި ޤާނޫނު އަސާސީ އާއި ހިލާފުވެފައި ނޯންނާނެ ކަމަށް ސިރިސޭނަ ވިދާޅުވުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށް ރަނިލް ވިދާޅުވިއެވެ.

"ސިރިސޭނަގެ ވާހަކަފުޅުގައި ވިދާޅުވީ ސިޔާސީ މައްސަލަތަކާއި، އިޤުތިޞާދީ މައްސަލަތަކާއި އަދި އޭނާ އަވަހާރަކޮށްލަން ރާވާފައިވާ ކަމަށް ބުނާ ކަންތައްތަކަށް ވެސް އޮތް ހައްލަކީ ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް ގެނައުން ކަމަށް. އެއީ ޙަޤީޤަތެއް ނޫން. އެއީ މައްސަލަތަކުގެ ހައްލެއް ނޫން. އެއީ މައްސަލަތަކުގެ އާފެށުމެއް" ރަނިލް ވިދާޅުވިއެވެ.

ރަނިލް ވިދާޅުވީ މިދިޔަ ހުކުރު ދުވަހަށް ފަހު ލަންކާ އަށް ދިމާވެފައިވާ ފަދަ ހާލަތެއް މީގެ ކުރިން ތާރީޚްގައި ވެސް ލަންކާ އަށް ދިމާވެފައެއް ނުވެއެވެ.

ރަނިލްގެ ބަޔާނުގައި މިއަދު ވެސް ތަކުރާރުކޮށް ގޮވާލައްވާފައި ވަނީ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް އަލުން ފަށާ، މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ބޭފުޅަކަށް ފުރުސަތު ދެއްވުމަށެވެ. ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ގެނެވޭނީ ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިން ކަަމަށް ރަނިލް ވިދާޅުވިއެވެ.