މުޅި ޔޫރަޕްގައި ވެސް މިހާރު ހުންނެވި އެންމެ ބާރުގަދަ ސިޔާސީ ލީޑަރު ކަމަށްވާ އެންޖެލާ މާކެލް ދެން ޖަރުމަންވިލާތުގެ ވެރިކަމަށް ވެސް އަދި އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ކްރިސްޓިއަން ޑިމޮކްރަޓިކް ޔޫނިއަން (ސީޑީޔޫ) ގެ ލީޑަރު ކަމަށް ވެސް ވާދަ ނުކުރައްވަން ނިންމަވައިފިއެވެ.

ޖަރުމަންވިލާތުގެ ޗާންސެލަރަކު ހޮވާނެ އާންމު އިންތިޚާބު ދެން އޮންނާނީ 2021 ވަނަ އަހަރު އެވެ. ޖަރުމަންވިލާތުގެ ވެރިކަމަށް ދެން ވާދަ ނުކުރައްވަން ނިންމަވާ، ސިޔާސީ މަސްރަހުން ފަހަތައް ޖެހިވަޑައިގަންނަވަން މާކެލް ނިންމެވީ އާދީއްތަ ދުވަހު ޖަރުމަންވިލާތުގެ ހެސް ސްޓޭޓްގައި އޮތް އިންތިޚާބުގައި މާކެލްގެ ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީގެ ސަބަބުންނެވެ.

މާކެލް ވަނީ އޭނާ އަށް ފަހު ދެން ޖަރުމަންވިލާތުގެ ވެރިކަމަށް އެނެގްރެޓް ކްރެމްޕް ގެންނަން ބޭނުންފުޅުވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ފާއިތުވި 13 އަހަރު ޖަރުމަންވިލާތާއި މުޅި ޔޫރަޕް އިޤުތިޞާދީ ބޮޑެތި މައްސަލަތަކުން ސަލާމަތް ކޮށްދެއްވާ ނިއުކްލިއާ ހަކަތަ ޖަރުމަންވިލާތުގައި އިތުރަށް ތަރައްޤީ ކުރައްވާ އެއް މިލިއަން ރެފިއުޖީންނަށް ޖަރުމަންވިލާތުން ރަށްވެހިކަން ދިނުން ފަދަ އެތައް ބޮޑެތި ނިންމުންތަކުގެ ސަބަބުން މާކެލްގެ ނަން ފާހަގަ ކުރެވުނު ނަމަވެސް ފަހަކަށް އައިސް އޭނާ އަށް ވަނީ ސިޔާސީ ގިނަ ގޮންޖެހުންތައް ކުރިމަތިވެފައެވެ.

މާކެލް އަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނީ ރެފިއުޖީންނަށް ރަށްވެހިކަން ދެމުން ގެންދާ މައްސަލައިގައެވެ. ޖަރުމަންވިލާތުގެ ހަރުކަށި ސިޔާސަތުތަކަށް ތާއީދުކުރާ ކަނާތުފިޔައިގެ ޕާޓީތަކުން ގެންދަނީ ރެފިއުޖީންނަށް ޖަރުމަންވިލާތުން ރަށްވެހިކަން ދޭތީ އެކަން ކުށްވެރި ކުރަމުންނެވެ.

މިއަދު ބާލިންގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މާކެލް ވިދާޅުވީ މިއީ އާ ޗެޕްޓަރެއް ފަށަންވީ ވަގުތު ކަމަށެވެ.

"މިދައުރު ނިމުން ދެން ސިޔާސީ އެއްވެސް މަގާމެއް ފުރާކަށް އަޅުގަނޑު ބޭނުމެއް ނޫން." މާކެލް ވިދާޅުވިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މާކެލްގެ ނިންމުމުގެ ސަބަބުން ސީޑީޔޫ އިން ވަރަށް އަވަހަށް ޕާޓީގެ ލީޑަރަކަށް އާ ބޭފުޅަކު އިންތިޚާބު ކޮށް 2021 ވަނަ އަހަރު އޮންނަ އިންތިޚާބަށް ތައްޔާރު ވާން ފަށާނެއެވެ.