މިއަދު ހެނދުނު ވެއްޓުނު އިންޑޮނޭޝިއާގެ ލަޔަން އެއާގެ ފްލައިޓުން ދަތުރުކުރި 189 މީހުންގެ ތެރެއިން 21 މީހެއްގެ ހަށިގަނޑު މިހާތަނަށް ފެނިފައިވާ ކަމަށް އިންޑޮނޭޝިއާގެ ނޭޝަނަލް ސާޗް އެންޑް ރެސްކިއު އެޖެންސީ އިން ދެންމެ ބުނެފިއެވެ.

ފްލައިޓުން ދަތުރު ކުރި މީހުންގެ އާއިލާތައް ޖަކާޓާގެ އިންޓަނޭޝަނަލް ކޮންޓޭނާ ޓާމިނަލްގައި އާއިލާ މެންބަރުންގެ ޚަބަރެއް ލިބޭތޯ އެބަތިއްބެވެ. އާއިލާތަކަށް މީހުން ހޯދުމުގެ މަސައްކަތާއި ގުޅޭ މައުލޫމާތު އޮފިޝަލުން ދަނީ ދެމުންނެވެ.

މީހުން ހޯދުމުގެ މަސައްކަތް ކުރާ އޮފިޝަލުން ބުނާ ގޮތުގައި 21 މީހުންގެ ހަށިގަނޑު މިހާރު ވަނީ އެއީ ކޮންބައެއްތޯ ދެނެގަތުމަށް ފުލުހުންގެ ހޮސްޕިޓަލަކަށް ފޮނުވާފައެވެ.

ފްލައިޓް ވެއްޓުނު ހާދިސާގައި، ފްލައިޓުން ދަތުރު ކުރި އެންމެން ވަނީ މަރުވެފައި ކަމަށް އިންޑޮނޭޝިއާ ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ފްލައިޓުން ދަތުރުކުރި ބައެއް މީހުންގެ ހަށިތަކާއި، ފްލައިޓްގެ ބައެއް ބައިތައް ކަނޑުމަތިން މިއަދު ފެނުނު ނަމަވެސް ފްލައިޓްގެ ބޮޑު ބައި އަދިވެސް ނުފެނެއެވެ. ފްލައިޓުން ދަތުރު ކުރި އެންމެންގެ ހަށިތައް ފެނުން އެއީ ފްލައިޓް ވެއްޓުނު ސަރަހައްދުގެ ފުން މިން ހުރި ވަރަށް ބަލާއިރު ވުން ވަރަށް ނާދިރު ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފްލައިޓް ވެއްޓެން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ވެއްޓުނު ފްލައިޓް މިއަދު ދަތުރު ފެށުމުގެ ކުރިން މަރާމާތެއް ކުރިކަން ލަޔަން އެއާ އިން ވަނީ ކަށަވަރު ކޮށްދީފައެވެ. ފްލައިޓް އުދުއްސާލިތާ ދެތިން މިނެޓް ފަހުން ފްލައިޓްގައި މައްސަލައެއް އުޅޭ ކަމަށް ބެލެވިގެން އަނބުރާ އެއާޕޯޓަށް ޖެއްސުމަށް ޕައިލެޓުން އެދުނު ކަމަށް "އޭޕީ" އިން ވަނީ ރިޕޯޓް ކޮށްފައެވެ. ނަމަވެސް ޕައިލެޓުން ބޭނުންވި ގޮތައް ފްލައިޓް އަނބުރާ ނުލީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެވެ. ފްލައިޓް ވެއްޓުނީ ދަތުރު ފެށިތާ 13 މިނެޓް ފަހުންނެވެ.

ފްލައިޓުން ދަތުރު ކުރި މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް މިރޭ ވެސް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް އިންޑޮނޭޝިއާ އިން ބުނެއެވެ.