ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި ހަނގުރާމައަށް ތައްޔާރުވުމަށް ޗައިނާގެ ރައީސް ޝީ ޖިންގ ޕިން އެގައުމުގެ އަސްކަރިއްޔާގެ ވެރިޔާއަށް އަމުރުކޮށްފިއެވެ.

ޗައިނާގެ ރައީސް ވަނީ ކަނޑުގެ ސިފައިންނަށް އިތުރު ހަތިޔާރާއި ތަމްރީން ވެސް ބޭނުންވާކަމަށް ވިދާޅުވެފައެވެ. އަދި ދެކުނު ޗައިނާ ކަނޑު ބެލެހެއްޓުން އިތުރަށް އަސްކަރީ ތަމްރީނުތައް ވަރުގަދަކުރުމަށް ޝީ ވަނީ އެގައުމުގެ ސިފައިންނަށް އަންގަވާފައެވެ.

ޗައިނާގެ ސަރަހައްދުން އެންމެ އިންޗިއެއް ވެސް އަދުއްވުންނަށް ދޫނުކުރާނެ ކަމަށާއި ޗައިނާގެ އަމިއްލަ ސަރަހައްދު ކޮންމެ އަގެއް ދައްކައިގެން ވެސް ހިމާޔަތް ކުރާނެ ކަމަށް ޗައިނާގެ ޑިފެސް މިނިސްޓަރ ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެމެރިކާ އިން ދަނީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް އަސްކަރީ މަނަވަރުތައް ވެސް ފޮނުވައިގެން ޗައިނާ އަށް ބިރު ދައްކަމުންނެވެ. އަދި ޓައިވާނާއި ޖަޕާނުން ދެކުނު ޗައިނާ ކަނޑުގެ ރަށްތަކާއި ބެހޭ ގޮތުން ދައްކާ ވާހަކަތަކަށް އެމެރިކާ އިން ތާއިދު ވެސް ކުރެއެވެ.

މިދިޔަ ހަފްތާގައި އެމެރިކާގެ އަސްކަރީ ބޮޑު ދެމަނަވަރެއް ވަނީ ޓައިވާން ސިފައިންނާއި އެކު އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ޓައިވާނަށް ގޮސްފައެވެ. މިއީ މިއަހަރު އެމެރިކާ އާއި ޓައިވާނާއި ގުޅިގެން ހިންގާ ދެވަނަ އަސްކަރީ ތަމްރީނެވެ.

ޓައިވާން އަކީ ޗައިނާގެ ބައެއްގެ ކަމަށް ޗައިނާއިން އަބަދުވެސް ދެކޭއިރު ޓައިވާން ޗައިނާގެ ކިބައިން ވަކިވެ، ވަކި ވެރިކަމެއް ކުރަން ފަށާފައިވަނީ 1949 ވަނަ އަހަރު ހިނގި ދާހިލީ ހަނގުރާމައަށް ފަހުގައެވެ. ވަކި ވެރިކަމެއް ކުރިނަމަވެސް ޓައިވާނުން ރަސްމީގޮތުން މިނިވަންކަން އިއުލާނެއް ނުކުރެއެވެ.

ޓައިވާން އަނބުރާ ހޯދަން ބޭނުންވެއްޖެ ހިނދެއްގައި އަސްކަރީ ބާރުގެ ބޭނުންކޮށްގެންވެސް އެކަން ކުރާނޭ ކަމަށް ބުނެ ޗައިނާއިން އިންޒާރުތައް ދެމުން ގެންދެއެވެ. ޗައިނާ އާއި ޓައިވާނުގެ ގުޅުން ގޯސްވެފައި ވަނީ ޓައިވާނުގެ ރައީސް ސައި އިންގް 2016 ވަނަ އަހަރު ވެރިކަމުން ފައިބައިވަޑައިގެންނެވި ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގުލްމާ

    ތިޔައުޅެނީ ޗައިނާގެ ބާރު އަސްކަރީގޮތުންނާ އިޤްތިޞާދީގޮތުން އެމެރިކާއަށްވުރެ ގަދަވަމުންދާތީ ހަޖަމްނުވެގެންނެވެ. ރަޝިޔާއާ ، އިންޑިޔާ ، ޕާކިސްތާނު އަދި ޖީ 7ގެ ޤަވްމުތަކުން ޗައިނާއާ ބައިވެރިވވީމާ އެމެރިކާއަށް އޮންނާނީ ރާކަނިމަސްކެވިފައެވެ.

  2. ބުއްޅަަަަަަަަަަަަަަަބޭ

    އަހަރުމެން މިއުޅެނީ ދިވެހި ލަވައެއް ކިޔަމުން ގައުމު އިންޑިޔާގެ ދަށަށް ފޮނުވާލަން!