ސްރީލަންކާ ރުޕީސްގެ އަގު މިއަދު ރެކޯޑް މިންވަރަކަށް ވެއްޓިއްޖެއެވެ. ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއަދު އެމެރިކާ ޑޮލަރަކަށް 175.56 ރުޕީސް ދަނީ ވިއްކަމުންނެވެ. މިއީ ލަންކާގެ ތާރީޚްގައި ވެސް ލަންކާ ރުޕީސްގެ އަގު މިހާ ބޮޑަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. ރުޕީސް ގަންނަ އަގު ވަނީ ޑޮލަރަކަށް 171.67 ރުޕީސް އަށް އަރާފައެވެ.

ހިފެހެއްޓުމެއް ނެތި ލަންކާ ރުޕީސްގެ އަގު ވެއްޓެމުން ދާން މެދުވެރިވެފައިވާ އެއް ސަބަބަކީ ދައުލަތުގެ ޚަރަދުތައް ބޮޑުވެ ދައުލަތުގެ ދަރަނި ބޮޑުވަމުން ދިއުމެވެ. އަދި ލަންކާ އިން އެކްސްޕޯޓް ކުރާ ތަކެތީގެ އަދަދު މަދުވަމުން ދިއުމެވެ. ލަންކާ އިން އެންމެ ގިނައިން އެކްސްޕޯޓް ކުރާ ސައިފަތުގެ ވިޔަފާރި ފަހަކަށް އައިސް ވަނީ ދަށަށް ގޮސްފައެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ލަންކާގެ ސިޔާސީ މަސްރަހުގެ ހާލަތު ގޯސްވެފައި ވުމަކީ ވެސް މިހަފްތާގައި ފައިސާގެ އަގު ހިފެހެއްޓުމެއް ނެތި ވެއްޓެމުން އަންނަ ސަބަބެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

މީގެ އިތުރުން ކުރިއަށް އޮތް އާއަހަރުގެ ޗުއްޓީ އަށް ލަންކާގެ ވެސް ގިނަ ބަޔަކު ގައުމުން ބޭރަށް ދަތުރު ކުރުމަށްޓަކައި ޑޮލަރު ހޯދަމުން ގެންދިއުމަކީ ވެސް ފައިސާގެ އަގު ވެއްޓެން މެދުވެރިވެފައިވާ ސަބަބެކެވެ.

އިޤުތިޞާދީ މާހިރުން ވިދާޅުވާ ގޮތުގައި އެމެރިކާ އިން އަންނަ ނޮވެމްބަރ މަހުގެ 04 ވަނަ ދުވަހުން ފެށިގެން އީރާނާއި ދެކޮޅަށް އަޅާ ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތަކުގެ އަސަރު ލަންކާ އަށް ވަރަށް ބޮޑަށްކޮށް ލަންކާގެ ފައިސާގެ އަގު އިތުރަށް ވެއްޓުން އެކަށީގެންވެއެވެ. ލަންކާ އަކީ އީރާނުން ގިނަ އަދަދަކަށް ތެޔޮ އެތެރެ ކުރާ ގައުމެކެވެ. އަދި ލަންކާގެ ގިނަ އަދަދެއްގެ ސައިފަތް އީރާނަށް ބޭރު ކުރެއެވެ.

އިޤުތިޞާދަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރައްވާނެ ކަމަށް މިދިޔަ ހުކުރު ދުވަހު ބޮޑުވަޒީރު ކަމާއި ހަވާލުވި ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭނާގެ އިޤުތިޞާދީ ސިޔާސަތު އަދި ހާމައެއް ނުކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަފްލާ

    ބަޤާވާތް ކުރުމުން ލިބޭ ގެއްލުން ވ ވެސް ބޮޑު ޑިމޮކްރަސީ އޮތްތަނަކަށް ހަމަޖެހުމެއް ނުލިބޭނެ ދުވަހަކުވެސް މިކަން ގައުމުތަކުން އެދަނީ ފެންނަމުން