އިއްޔެ ހެނދުނު ވެއްޓުނު އިންޑޮނޭޝިއާގެ ލަޔަން އެއާގެ ފްލައިޓުގެ ޕައިލެޓެއްގެ ގޮތުގައި މަސައްކަތްކޮށްފައި ވަނީ އިންޑިއާ ރައްޔިތެއްްކަމަށް އިންޑިއާ ނޫސްތައް ބުނަން ފަށައިފިއެވެ.

އެ ހާދިސާގައި ބޯޓުގައި ޔިބި 189 މީހަކު ވަނީ މަރުވެފައެވެ. އެއީ އެ ބޯޓުން ދަތުުުރުކުރި އެންމެންނެވެ. އިންޑިއާގެ ނޫސްތައް ބުނާގޮތުގައި، އެ ހާދިސާ ހިނގިއިރު، ފްލައިޓް ދުއްވަން އިނީ މީގެ ހަތް އަހަރު ކުރިން ފަށައިގެންވެސް ލަޔަން އެއާގެ ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބާވްޔޭ ސުނަޖާއެވެ.

އިންޑިއާގެ އެމްބަސީންވެސް ވަނީ ސުނަޖާ މަރުވެފައިވާކަމުގެ ޔަގީންކަން ދީފައެވެ.

ވެއްޓުނު ބޯޓުގައި ސުނަޖާއެކު ކޯޕައިލެޓެއްގެ ގޮތުގައި މަސައްކަތްކޮށްފައި ވަނީ ހަރްވީނޯއެވެ. އަދި އެ ބޯޓުގައި އެވަގުތު ހަ ކްރޫންވެސް ތިއްބެވެ.

ސުނަޖާއަށް ބަލާއިރު، އޭނާ ޕައިލެޓް ޓްރެއިނިންގ ހަދާފައި ވަނީ ބެލް އެއާ އިންޓަނޭޝަނަލް އިންނެވެ. ލަޔަން އެއާގައި ސުނަޖާ މަސައްކަތް ކުރުމުގެ ކުރިން އެހެން އެއާލައިންތަކުގައި ޓްރެއިނީއެއްގެ ގޮތުގައި އޭނާ މަސައްކަތްކޮށްފައި ވެއެވެ. އޭނާއަކީ ބޮއެންގ 737ގެ ޖެޓްތައް ދުއްވުމަށް ސްޕެޝަލައިޒްވެފައިވާ ޕައިލެޓެކެވެ.

އިންޑޮނޭޝިއާގެ ކަމާ ބެހޭ އޮތޯރިޓީން ބުނިގޮތުގައި، އެ ބޯޓު ވެއްޓުމުގެ ކުރިން އެެއްވެސް ކަހަލަ އެމާޖެންސީ މެސެޖެއް އެ މީހުންނަށް ލިބިފައި ނުވާ ކަމަށެވެ.

ފްލައިޓް ވެއްޓުނީ ދަތުރު ފެށިތާ 13 މިނެޓް ފަހުންނެވެ. އެ ފްލައިޓް ވެއްޓުނީ އިންޑޮނޭޝިއާގެ ޖަކާޓާ އިން ފުރައިގެން ސްމަޓްރާ އަށް ދަތުރު ކުރަމުން ދަނިކޮށެވެ.