ހައްދުފަހަނަ އަޅާފައިވާ އިޒްރޭލުގެ އަސްކަރިއްޔާއިން، ފަލަސްތީނުގެ ކުށެއް ނެތް މައުސޫމު ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ހަމަލާތައް ފާއިތުވި ހަފްތާގެ ތެރޭގައި ވަރުގަދަކޮށްފައިވެއެވެ. ވައިގެ މަގުންނާއި އެހެންވެސް ގޮތްގޮތުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އެތައް ހަމަލާތަކެއް ދީފައިވެއެވެ. ޔަހޫދީ ދައުލަތުގެ މި ހަމަލާތަކުގެ ސަބަބުން ކުޑަ ތިން ކުއްޖަކުވަނީ ޝަހީދުވެފައެވެ. މި ތިން ކުދިންގެ މަރާއެކު ފަލަސްތީނުގެ ޣައްޒާވަނީ އަނެއްކާވެސް "ހުއްޓުން" އަރާފައެވެ.

މިދިޔަ ހަފްތާ އިން ފެށިގެން އިޒްރޭލުން ދެމުން ދިޔަ ހަމަލާތަކުގައި ޝަހީދުވި ތިން ކުދިންނަކީ ޚާލިދު އަބޫ ސައިދު، 13، އަބްދުލް ޙާމިދު އަބޫ ދަހުރު 13 އަދި މުޙައްމަދު އައްސަތުރީ 14 އެވެ. ވަރުގަދަ ބަޑިތަކުން ޖެހި ވަރުގަދަ އުންޑަތައް އަރާ މި ކުދިން ޝަހީދުވެފައިވަނީ ކުޅުމުގެ ތެރޭގައި މަސްއޫލުވެ އުޅުމުގެ ތެރޭގައެވެ. އެއީ، މަޖަލަށް ދޫނި ހިފަން އުޅެނިކޮށެވެ.

މި ކުދިންގެ ކުއްލި ވަކިވެ ދިޔުމާއެކު އެކުދިންގެ އާއިލާތަކަށް ވަނީ ބަރުދާސްތު ކުރަން ދަތި ކެކުޅުންތަކެއް ކުރިމަތިވެފައެވެ. އެންމެ ބޮޑު ހިތާމައެއް ކުރަމުންދާ އެކަކަކީ 14 އަހަރުގެ މުޙައްމަދު މަންމައެވެ.

މުޙައްމަދުގެ މަންމަ، މުނީރާ އައްސަތުރީ މި ހިތާމަވެރި ޙާދިސާ ސިފަކުރަނީ ޙަޔާތުގެ ހުޅުކޮޅު ނިވިގެން ދިޔުންފަދަ ކަމެއްގެ ގޮތުގައެވެ. މުޙައްމަދަކީ އޭނާގެ މައިންބަފައިންނަށް ލިބިފައިވާ ހަ ކުދިންގެ ތެރެއިން ހަމައެކަނި ފިރިހެން ކުއްޖާއެވެ. އަދި، އެންމެ ހަގު ކުއްޖާވެސްމެއެވެ.

މުނީރާ ކިޔައިދީފައިވާ ގޮތުން އެދުވަހު މުޙައްމަދު ގެއިން ނިކުމެގެން ރަހުމަތްތެރިންނާއެކު ބޭރަށް ދިޔައީ ވަރަށް ރީތިކޮށް ފެންވަރާލާ، ނަލަ ހެދިގެންނެވެ. އެމީހުންގެ ގެ ހުންނަނީ ސަރަޙައްދީ ރޮނގާ ކައިރީގައިކަމުން ދޫނި ހިފަން ދިޔައީ އެސަރަޙައްދަށެވެ.

"އޭގެ ގަޑިއިރުތަކެއް ފަހުން އިވުނީ ބޮމުގެ އަޑުތަކާއި އެމްބިއުލާންސުގެ ސައިރެންގެ އަޑުތަކާއި މީހުންގެ ހަޅޭކުގެ އަޑު." މިހާވަރަށް ބުނުމަށްފަހު މުނީރާއަށް ރޮވުނެވެ. "އަހަރެން މުޙައްމަދުގެ ކޮޓަރިއަށް ގޮސް ބެލިން އަދި އެތާކު އޭނާއެއް ނެތް. ދެން އަހަރެންގެ އެހެން ދަރީން ކައިރީގައި ބުނިން ކަލޭމެންގެ ކޮއްކޮ ދިޔައީހެން ހީވެޔޭ." މުނީރާ އިތުރަށް ބުނެފައިވެއެވެ.

ހިސާބުގަނޑު މީހުންވަނީ އެސަރަޙައްދަށް ޖަމާވެ، މުޙައްމަދު ކޮބައިތޯ ބަލާފައެވެ. އެހެންކަމުން، މުޙައްމަދުގެ ބައްޕަ ހޮސްޕިޓަލަށް ދިޔައެވެ.

ޣައްޒާ

ކުށެއް ނެތް ކުޑަކުދިންތަކެއް މަރާލުމަށްފަހު ދެންވެސް ފަލަސްތީނު ރައްޔިތުންނަށް "ދުއްތުރާ" ކުރެވެން އޮތްހާ ގޮތަކުން އިޒްރޭލުން ދުއްތުރާ ކޮށްފައިވެއެވެ. ކުށެއް ނެތް ކުޑަކުދިންތައް މަރާލުމަށްފަހު، އެކުދިންނަށް އެހީވާން އައި އެމްބިއުލާންސްތަކާ ދިމާއަށްވެސް ބަޑި ޖަހާފައިވާކަމަށް ފަލަސްތީނުގެ ނޫސް އެޖެންސީ އަކުން ބުނެފައިވެއެވެ. މިއީ، ބައިނަލްއަޤުވާމީ މުއާޙަދަތާކާއި، ހުޅަނގުން ވަކާލާތު ކުރާ އިންސާނީ ޙައްޤުތަކާ މުޅިން ދިމާ އިދިކޮޅެވެ.

ޝަހީދު ކޮށްލި ތިން ކުދިންގެ ހަށިގަނޑާ ކައިރިއަށް ދިއުމަށް، ފަލަސްތީނު ރެޑް ކްރެސެންޓް އަށް ހުއްދަ ދީފައިވަނީ ތިން ގަޑިއިރު ފަހުންނެވެ.

ޝަހީދުކޮށްލި ތިން ކުދިންގެ ޖަނާޒާ

މިކަމާ ގުޅިގެން އިޒްރޭލު އަސްކަރިއްޔާއިން ނެރެފައިވާ ޒިންމާދާރުކަން ކުޑަ ބަޔާނުގައި ބުނެފައިވަނީ އެކުދިންނަކީ ސަރަޙައްދީ ރޮނގުގެ ކައިރީގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑައިވައިސް (އައިއީޑީ) ހަރުކުރަން އުޅުނު ކުދިންތަކެއް ކަމުގައެވެ. އެހެންނަމަވެސް، އާއިލާތަކުންވަނީ އެކަން ކުށްވެރިކޮށްފައެވެ.

"މިދިޔަ ހަފްތާ އަހަރެން ހިތަށް އެރި އަހަރެން އެއްޗެހި ކާހިތް ކެނޑިފައިވަނީ ކީއްވެބާއޭ. މިހާރު އަހަރެންނަށް އެނގިއްޖެ. މަގޭ ހިތުގެ ހަނދު އޮއްސިއްޖެ، ދިރިއުޅުމުގެ ހުޅުކޮޅު ނިވިއްޖެ." މުޙައްމަދުގެ މަންމަ އިތުރަށް ބުނެފައިވެއެވެ.

2014 ވަނަ އަހަރުގެ ތެރޭގައި އިޒްރޭލު ސިފައިންގެ އަނިޔާވެރިކަން ކޮޅުން ލައިގެން ދިޔައިރު، މުޙައްމަދުގެ ގެއަށްވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  ޢިސްރާއީލުގެ ނުބައި ވެރިން ހަލާލުކުރައްވާންދޭވެ ! ޢާމީން އަދި މިކުދިންނަށް ސުވަރުގެ ގެ ނިއުމަތް ދެއްވަުމަށް އެދި ދުޢާކޮށް އާއިލާއަށް ކެއްތެރިކަން ދެއްވުމަށް ﷲަގެ ހަސްރަތުގައި ދުޢާކުރަން
  ޢާމިން

 2. މޯޑް

  މި ޝައިތާނުތަށް މި ދުނިޔެއިން ނެތިކުޜައް ވާ ފާނދޭވެ.. އާމީން

 3. އޯގާ

  ޔާﷲ، މުސްލިމުންގެ ޢަދުއްވުން ނިކަމެތި ކުރައްވާނދޭވެ. އިސްރާއީލުންގެ އަނިޔާވެރި ހަރުކަށި ލީޑަރުން ހަލާކު ކުރައްވާނދޭވެ. އާމީން...

 4. ސަފް

  ޔާﷲ ދެމިހުންނަނިވި ޢަޒާބެއް ޔަހޫދީންނައް ޖައްސަވާށި