އިންޑޮނޭޝިއާގެ ޖަކާޓާ އިން ފުރައިގެން ސްމަޓްރާ އަށް ދަތުރު ކުރަމުން ދަނިކޮށް ވެއްޓުނު ލަޔަން އެއާ ފްލައިޓުން ދަތުރުކުރި އެންމެން މަރުވެފައިވާއިރު، އެ ބޯޓުން ސަލާމަތްކުރި ކުއްޖެއްގެ ފޮޓޯއެއް ކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުން ދަނީ ފޭކް ފޮޓޯއެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

189 މީހުންނާއެކު ދަތުރު ކުރަމުންދަނިކޮށް ވެއްޓުނު އެ ބޯޓުން އެއްވެސް މީހަކު ސަލާމަތްވެފައެއް ނުވެއެެވެ. އަދި އެ ބޯޓުން ސަލާމަތްކުރި ކުއްޖެއްގެ ފޮޓޯކަމަށް ބުނެ ދައުރުވަމުން ދަނީ މި އަހަރު ޖުލައި މަސް ތެރޭގައި ހިނގި ބޯޓު އެކްސިޑެންޓެއްގައި ސަލާމަތް ކުރި ކުއްޖެއްގެ ފޮޓޯކަމަށް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ ހޯމަ ދުވަހުގެ ހެނދުނު އެ ބޯޓު ވެއްޓުނުތާ މާގިނަ އިރުތަކެއް ނުވަނީސް އެ ފޮޓޯ ދައުރުވާން ފެށީ ފޭސްބުކްގައެވެ. ލައިފް ވެސްޓެއް އަޅުވާފައިވާ އެ ކުއްޖާގެ ފޮޓޯ ދައުރުވާން ފެށީ، އެ ބޯޓު ވެެއްޓުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ކުއްޖާ ސަލާމަތްކޮށްފައިވާކަމަށް ބުނެއެވެ.

އެ ޕޯސްޓް ދައުރުވާން ފެށުމާއެކު 5000 އަށްވުރެ ގިނަ މީހުން އެ ޝެއާ ކުރިއެވެ. އެހެން ނަމަވެސް އެކަމުގެ ހަގީގަތް އަނެއްކާވެސް ކިޔާދީފައި ވަނީ، އިންޑޮނޭޝިއާގެ ނޭޝަނަލް ބޯޑް ފޯ ޑިޒާސްޓާ މެނޭޖްމެންޓްގެ ހެޑްއޮފް ޕަބްލިކް ރިލޭޝަން ސުޓޯޕޯ ޕުރްވޯ ނުގޮރޯހޯއެވެ.

އޭނާ ވަނީ އެ ފޮޓޯއަކީ ޖުލައި ތިނަ ވަނަ ދުވަހު ކަނޑުވި ބޯޓެއްގެ ތެރެެއިން ސަލާމަތްކުރި ކުއްޖެއްކަމަށް ބުނެފައެވެ. އަދި ގޯސް މައުލޫމާތުތައް ނުފެތުރުމަށް އޭނާ ވަނީ ނަސޭހަތްތެރިވެފައެވެ.

އެ މަތިންދާ ބޯޓު ވެއްޓިފައި ވަނީ ޖަކާޓާ އިން ނައްޓާލިތާ 13 މިނިޓް ފަހުންނެވެ. އެ މަތިންދާ ބޯޓު ވެއްޓުނީ ސްމަޓްރާ ކައިރިން ކަނޑަށެވެ. އެ މަތިންދާ ބޯޓު ވެއްޓުނީ ކީއްވެކަން ދެނެގަތުމުގެ މަސައްކަތްތައް ކަމާ ގުޅުން ހުރި އޮފިޝަލުންތައް ދަނީ ކުރަމުންނެވެ.