އިންޑޮނޭޝިއާގެ ޖަކާޓާ އިން ފުރައިގެން މިއަދު ހެނދުނު ސްމަޓްރާ އަށް ދަތުރު ކުރަމުން ދަނިކޮށް ވެއްޓުނު އެއާ ލަޔަންގެ ބޯޓުން ދަތުރު ކުރަން އޮތް މީހެއްގެ ފުރާނަ ސަލާމަތް ވެއްޖެއެވެ.

އިންޑޮނޭޝިޔާގެ ޖާވާ ކަނޑަށް ހޯމަ ދުވަހު ވެއްޓުނު ލަޔަން އެއާ ފްލައިޓް ޖޭޓީ 610ގައި ދަތުރު ކުރަން ހަމަޖެހިފައި އޮތް އިންޑޮނޭޝިއާގެ ފިނޭސް މިނިސްޓްރީގައި މަސަކަތް ކުރާ ސޯނީ ސެތިއަވާން ގެ ފުރާނަ ސަލާމަތް ވީ ޓްރެފިކްގައި ޖެހި ފްލައިޓް މިސްވެގެންނެވެ.

އޭނާ އަށް އެއާޕޯޓަށް ދެވުނީ އޭނާ އެންމެ ލަސްވެގެން އެއާޕޯޓަށް ދާންޖެހޭ ގަޑީގެ 3 ގަޑިއިރު ފަހުންނެވެ. ވެއްޓުނު ބޯޓް ޖޭޓީ 610އަކީ ސެތިއަވާންއާއި އޭނާގެ ރަހުމަތްތެރިން ހަފްތާ ބަންދުގައި ގަވާއިދުން ދަތުރުކުރަމުން އަންނަ ފްލައިޓެކެވެ.

ވެއްޓުނު ފްލައިޓް މިސްވުމާއެކު ޕަންގްކަލް ޕިނާންގްއަށް ސެތިއަވާން ދަތުރުކުރީ އެހެން ފްލައިޓެއްގައެވެ.

ލަޔަން އެއާގެ ޖެޓީ610 ވެއްޓިއްޖެކަން އޭނާއަށް އެނގުނީ ވެސް ޕަންގްކަލް ޕިނާންގްއަށް ދެވުނު ފަހުންނެވެ.

އިންޑޮނޭޝިއާގެ ޖަކާޓާ އިން ފުރައިގެން ސްމަޓްރާ އަށް ދަތުރު ކުރި ލަޔަން އެއާގެ ފްލައިޓުގައި 189 މީހުން ދަތުރުކުރިއިރު މި ހާދިސާގައި އެއްވެސް މީހަކު ސަލާމަތްވެފައި ނުވާ ކަމަށް އިންޑޮނީޝިޔާގެ ނޭޝަނަލް ސާޗް އެންޑް ރެސްކިއު އެޖެންސީގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފައެވެ. ފްލައިޓުގައި ތިބި ފަސެންޖަރުންގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެއެވެ.

މި ފްލައިޓު ވެއްޓެން ދިމާވި ސަބަބެއް އަދި އެނގިފައިނުވާއިރު، އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯ ވަނީ އެގައުމުގެ ކަމަބެހޭ ފަރާތްތަކަށް މި ހާދިސާގެ ތަހުގީގު ވަގުތުން ފެށުމަށް އަމުރު ކުރައްވާފައެވެ. ފްލައިޓް ވެއްޓުނު ސަރަހައްދުން ފްލައިޓްގެ ބައިތަކާއި ފަސެންޖަރުންގެ ބައެއް ތަކެތި ފެންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފްލައިޓާއި ކޮންޓްރޯލް ޓަވަރުގެ ގުޅުން ކެނޑުނީ ހެނދުނު 06:30 ހާއިރު އެވެ. އެއީ ފްލައިޓް ޖަކާޓާ އިން އުދުއްސާލިތާ 13 މިނެޓް ފަހުންނެވެ. ވެއްޓިފައި ވަނީ ބޮއިން-737 މެކްސް-8 މަރުކާގެ ފްލައިޓެކެވެ. މިއީ 2017 ވަނަ އަހަރު ބޭނުން ކުރަން ފެށި މިމޮޑެލްގެ ފްލައިޓެއް ވެއްޓުނު ފުރަތަމަ ފަހަރެވެ.

ލަޔަން އެއާ އަކީ އިންޑޮނޭޝިއާގައި އެންމެ ފަހުން އުފެއްދި އެއާލައިނެވެ. ލަޔަން އިން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އިންޑޮނޭޝިއާގެ ޑޮމެސްޓިކް މާކެޓްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.