ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަނުމުން މަރާލި ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލުމަށް ސައުދީ އަރަބިއްޔާ އިން 15 މީހުންގެ ޓީމެއް ފޮނުވީ ކާކުކަން ސައުދީ އަރަބިއްޔާ އިން ބުނެދޭން ޖެހޭނެ ކަމަށާއި ތުރުކީ އިން ޖަވާބު ބޭނުންވާ ސުވާލަކީ އެއީ ކަމަށް ތުރުކީގެ ރައީސް ޠައްޔިބު އުރުދޮގާން ވިދާޅުވެއްޖެއެވެ.

އުރުދޮގާން މިހެން ވިދާޅުވީ އިއްޔެ އަންކާރާގައި އޮތް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ކާކު މި 15 މީހުން ތުރުކީ އަށް ފޮނުވީ؟ ސައުދީ އަރަބިއްޔާގެ ޕަބްލިކް ޕްރޮސެކިއުޓަރ މިސުވާލުގެ ޖަވާބު ހާމަ ކުރަން ޖެހޭ. ޚަޝޯގީ މަރާލަން ސައުދީ އަށް މީހުން ފޮނުވުމުގެ އަޑީގައި ހުރީ ކާކުކަން ސައުދީ އަރަބިއްޔާ އަށް އެނގޭނެ." އުރުދޮގާން ވިދާޅުވިއެވެ.

އުރުދޮގާން ވިދާޅުވީ ޚަޝޯގީގެ މަރުގެ ގިނަ ޙަޤީޤަތްތައް މިހާރު ހާމަވެފައިވާ ކަމަށެވެ. އެގޮތުން 15 މީހަކު ސައުދީ އަރަބިއްޔާ އިން ތުރުކީ އަށް ދަތުރުކޮށް ޚަޝޯގީ މަރާލި ކަމާއި، އަދި އެއީ ދުރާލާ ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަން ސާބިތުވާ ކަމަށް ވެސް އުރުދޮގާން ވިދާޅުވިއެވެ.

އުރުދޮގާން ވަނީ ޚަޝޯގީ މަރާލުމަށް ފަހު ޚަޝޯގީގެ ހަށިގަނޑު ނައްތާލުމުގެ މަސައްކަތް ހަވާލު ކޮށްފައިވާ ކަމަށް ބުނާ ތުރުކީ މީހާގެ މައުލޫމާތު ހާމަ ކުރުމަށް އިއްޔެ ވެސް ސައުދީ އަރަބިއްޔާ އަށް ގޮވާލާފައެވެ.

ޚަޝޯގީގެ މަރަށް އަންނަ ހުކުރު ދުވަހު އެއް މަސް ދުވަސް ފުރިހަމަ ވާއިރު ޚަޝޯގީގެ މަރުގެ ފަހަތުގައި އޮތީ ސައުދީ އަރަބިއްޔާގެ ސަރުކާރު ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް އެތުހުމަތުތައް ސައުދީ އަރަބިއްޔާގެ ސަރުކާރުން ދޮގު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތަކުރު

    މުހައްމަދު އަމީނު މަރާލަން ނިކުއްމީ ހަވަރު! ޔާމީނު މަރާލަން ނިކުއްމާނީ ކޮން ބައެއް؟ ކާކު؟ ކޮން އިރަކު؟

  2. އަބޯ

    ........ބިން ސަލްމާނު އަށް ދޯ މީހުންފޮނުވޭނީ