ޕާކެއްގެ ތެރޭގައި އިންޑިއާއަށް ނިސްބަތްވާ ދެމަފިރިއަކު މަރުވެފައި ތިއްބާ ފެނިއްޖެއެވެ.

ކެލެފޯނިއާގެ ޔޮސެމިޓީ ނޭޝަނަލް ޕާކުގެ ފަރުބަދަމަތީ ސަރަޙައްދެއްގައި، އުމުރުން 30 އަހަރުގެ ފިރިހެނަކާއި އުމުރުން 29 އަހަރުގެ، އޭނާގެ އަނބިމީހާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެއާއި އެކު އެމީހުންގެ މަރުގެ ހަޤީޤަތް ހޯދުމަށް ވަނީ ތަހުޤީޤެއް ފަށާފައެވެ.

މި ހާދިސާ އާއި ގުޅިގެން އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް އެންމެ ފަހުން ބުނެފައި ވަނީ، އެ ދެމީހުން މަރުވީ އުސް ތަނެއްގައި ސެލްފީ ނަގަން ތިއްބައި އެތަނުން ވެއްޓި ލިބުނު އަނިޔާގެ ސަބަބުން ކަމަށް ލެބެވޭ ކަމަށެވެ. އަދި އެ ދެމީހުންނަކީ ޢާންމުކޮށްވެސް އެފަދަ ތަންތަނަށް ދަތުރުގޮސް ފޮޓޯތައް ނަގައި ޢާންމުކުރާ ބައެއް ކަމަށް އެމީހުންގެ އާއިލާއިން ވަނީ ބުނެފައެވެ.

މަރުވި ދެމަފިރިން

އެމެރިކާގައި ދިރިއުޅެމުންދާ އެ ދެމީހުންނަކީ މީގެ ކުރިންވެސް ވަރަށް ގިނަ ތަންތަނަށް ދަތުރުގޮސް އުޅޭ ބަޔަކަށް ވާއިރު، އެމީހުން އޮންލައިން ބްލޮގެއްވެސް ހިންގާ ކަމަށް ވެއެވެ. ދަތުރުތަކުގައި ނަގާ ފޮޓޯތައް އެދެމަފިރިން އާންމުކޮށް އުޅެނީ އެ ބްލޮގު މެދުވެރިކޮށެވެ. ނަމަވެސް އެމީހުންގެ މަރަށްފަހު ބްލޮގަށް މިހާރު ނުވަދެވެއެވެ.

ދާދިފަހުންވެސް މި ދެމަފިރިން އުސް ތަނެއްގެ މަތީގައި ތިބެ ނަގާފައިވާ ފޮޓޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނުއިރު، އެކަމަކީ ނުރައްކާތެރި ކަމެއް ކަމަށް ބުނެ އެފަދަ ފޮޓޯތައް ނަގާ މީހުން ހޭލުންތެރި ކުރުވުމަށް އެމީހުން އަމިއްލަޔަށް ވާހަކަ ދައްކާފައި ވެއެވެ. އެ ފޮޓޯއާއި އެކު އެމީހުން ވަނީ، އެންމެ ފޮޓޯއަކާއި ދިރިއުޅުން އެއް ހަމަތޯ ސުވާލުކޮށްފައެވެ.

މި ދެމަފިރިން ވެއްޓިފައި ވަނީ 800 އެއްހައި ފޫޓު މަތިން ކަމަށް ވެއެވެ. އެމީހުންގެ ހަށިގަނޑުތައް ނަގާފައި ވަނީ ރެސްކިއު ހެލިކަޕްޓަރެއްގެ އެހީގައެވެ. އެތަނުން އެމީހުން ފެނުނު އިރު ވެސް ތިބީ މަރުވެފައި ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

މި މަހުގެ ކުރީކޮޅުގައި ނެރެފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވާގޮތުގައި، ސެލްފީ ނަގަން އުޅުމުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާއިތުވެދިޔަ މަދު ދުވަތަކެއްގެ ތެރޭގައި 259 މީހަކު މަރުވެފައިވާ ކަމަށެވެ. މީގެ ތެރެއިން ގިނަ ހާދިސާތައް ހިނގާފައި ވަނީ އިންޑިއާގައިކަން އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު