ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަނުމުން މަރާލި ނޫސްވެރިޔާ، ޖަމާލް ޚަޝޯގީގެ މަރުގެ ތަހުޤީޤާއި ގުޅޭ މަޢުލޫމާތު މި މައްސަލަ ބަލާ ތުރުކީގެ އިދާރާތަކުން ހާމަކޮށްފިއެވެ.

ތުރުކީގެ ޗީފް ޕްރޮސިކިއުޓަރު، އިރުފާން ފައިދަންގެ އޮފީހުން މި މައްސަލަ އާއި ގުޅޭގޮތުން ރަސްމީކޮށް ފުރަތަމަ ފަހަރަށް މަޢުލޫމާތު ހާމަކޮށް މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޚަޝޯގީ މަރާލީ އޭނާ އެމްބަސީއަށް ވަނުމާއި އެކު، ކަރުގައި ހިފާ ނޭވާ ހާސްކޮށްލައިގެން ކަމަށެވެ. އަދި އޭނާ މަރާލުމަށްފަހު ހަށިގަނޑު ނައްތާލުމުގެ ކުރިން، ހަށިގަނޑު ކުދިކޮށް ކޮށާލިކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އިރުފާން ފައިދަންގެ އޮފީހުން މި ތަހުޤީޤާއި ގުޅޭ މަޢުލޫމާތު ހާމަކޮށްފައި މިވަނީ، ޚަޝޯގީގެ މަރާއި ގުޅިގެން އެތައް ސުވާލުތަކެއް އުފެދިފައި ވަނިކޮށް، އިރުފާން ސައުދީގެ ޕްރޮސިކިއުޓަރެއް ކަމަށްވާ ސުއާދު އަލްމުޖީބާއި ބައްދަލުކޮށްފައި ވަނިކޮށެވެ. މި މައްސަލައިގެ ތަހުޤީޤު ކުރިޔަށް ދިޔައިރު، މި ދެމީހުން ވެސް ވަނީ ހާދިސާ ހިނގި ސައުދީގެ އެމްބަސީއަށް ޒިޔާރަތްކޮށްފައެވެ.

އުމުރުން 59 އަހަރުގެ ޚަޝޯގީ، ތުރުކީގައި ހުންނަ ސައުދީގެ އެމްބަސީގެ ތެރޭގައި މަރާލި މައްސަލަ ފެންމަތިވެ ހޫނުވެފައިވާއިރު، އޭނާގެ ހަށިގަނޑު ނައްތާލުމަށް ޙަވާލުކޮށްފައި ވަނީ ތުރުކީގެ މީހަކާއި ކަމަށް ބުނާ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ. އެހެން ނަމަވެސް ޕްރޮސިކިއުޓަރގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި އެކަމާއި ގުޅޭ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ޚަޝޯގީގެ މަރަށް އަންނަ ހުކުރު ދުވަހު އެއް މަސް ދުވަސް ފުރިހަމަ ވާއިރު ޚަޝޯގީގެ މަރުގެ ފަހަތުގައި އޮތީ ސައުދީ އަރަބިއްޔާގެ ސަރުކާރު ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް އެތުހުމަތުތައް ސައުދީ އަރަބިއްޔާގެ ސަރުކާރުން ދޮގު ކުރެއެވެ. ސައުދީ ސަރުކާރުން ބުނާ ގޮތުގައި، ޚަޝޯގީގެ މަރާ ގުޅިގެން ސައުދީގެ 18 މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ޚަޝޯގީގެ މަރާއި ގުޅިގެން ސައުދީ ސަރުކާރުގެ އިސް ފަސް ފަރާތެއްވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. މަގާމުން ވަކިކުރި ފަރާތްތަކުގެ ތެރޭގައި ސައުދީގެ ވަލީއަހުދު ފްރިންސް މުހައްމަދު ބިން ސަލްމާންގެ އެޑްވައިޒާ ސައުދް އަލް ޤަހްތާނީއާއި ޑެޕިއުޓީ އިންޓެލިޖެންސް ޗީފް އަހްމަދު އަލް އަސީރީ ހިމެނެއެވެ.

ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަން ފަހުން ޚަބަރެއް ނުވެ ގެއްލިފައިވާ ސައުދީގެ ނޫސްވެރިޔާ ޚަޝޯގީ މަރުވެފައިވަނީ ކޮންސިއުލޭޓްގެ ތެރޭގައި ހިނގި ތަޅާފޮޅުމެއްގައިކަން ސައުދީން ވަނީ ކަށަވަރު ކޮށްދީފައެވެ. ސައުދީ ސަރުކާރުން ބުނީ ކޮންސިއުލޭޓްގައި ތިބި ބަޔަކާއި ޚަޝޯގީއާއި ދެމެދު ދެބަސްވުންތަކެއް ހިނގާ ތަޅާފޮޅުމެއް ހިނގިކަމަށާއި، ގޮއްމުށުގެ ހަމަލާތަކެއްވެސް ބަދަލުކޮށްފައިވާއިރު ޚަޝޯގީ މަރުވެފައިވަނީ މި ތަޅާފޮޅުންތަކުގެ ތެރޭގައި ކަމަށެވެ.

ނަމަވެސް، ޚަޝޯގީގެ ހަށިގަނޑު ވީތަނަކާއި ބެހޭ އެއްވެސް މައުލޫމާތެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ށަޗޖ

    ސާބަސް

  2. އ.ޖ.އ

    ރާއްޖެ ވެސް އެ ފެންވަރަށް ފޯރާނަމަ.
    އޭރުން ރިލްވާން ވީތަން އިނގޭނެ.

  3. އަބޯ

    2 ޖެޓް އައި ގަހްތާނީއެދިފާއޮތީ އޭނާގެ ބޯ ގެނެސް ދިނުމަށް . ވީމާ ކުދިކޮށް ކޮށައިގެން ސައޫދީ އަށްގެންގޮސް ގަހުތާނީ އަށް ވަނީ ވެދުންކޮށްފާ. ސައޫދީން އޭނާގެ ހަށިގަނޑު ހޯދާ އޮޅުވާލަން ބޯޑަރު ތަކަށް ދުއަވާފަ އޮތަސް ގެންދިޔައީ ސައޫދީއަށް..... ބިން ސަލްމާނު ވެސް އެދިފައޮތީ ހަސައުގީ ސައޫދި އަށް ދިއުމަށް.އޭނާ ދާން އެއްބަސް ނުވުމުން ގެންދެވެން އޮތް ގޮތަށް ވަނީ ގެންގޮސްދީފާ.